ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޗީފް އިންޓަރނަލް އޮޑިޓަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
އެ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވާ ގޮތުން މި މަޤާމަށް ހޮވޭ ފަރާތަކަށް މުސާރައިގެ ގޮތުގައި 18،000ރ. އާއި ލިވިންގ އެލަވަންސްގެ ގޮތުގައި 12،500ރ. އާއެކު މަހަކު ޖުމުލަ 30،500ރ. ލިބޭނެއެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއް ކަމުގައިވުމާއި، އިންޓަރނަލް އޮޑިޓްކުރުމުގައި ނުވަތަ އެކްސްޓަރނަލް އޮޑިޓްކުރުމުގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި، ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރެވޭވަރުގެ ތަޢުލީމާއި ޤާބިލުކަން ހުރި މީހަކު ކަމުގައި ވުމާއެކު، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސްގެ މެންބަރެއް ކަމުގައި ވުން އަދި ކޮރަޕްޝަނުގެ ނުވަތަ ޚިޔާނާތުގެ ނުވަތަ ވައްކަމުގެ ނުވަތަ ޓެކުމުގެ ނުވަތަ މިބާވަތުގެ ފައިސާއާއި މާލީ މުޢާމަލާތްތަކާ ގުޅޭ ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ހިމެނެއެވެ.
މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މޭ މަހުގެ 4 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހަމަވާނެއެވެ. މާލީ ވުޒާރާއިން ބުނީ މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ މޭ 7 އާއި މޭ 20 ވަނަ ދުވަހާ ދެމެދު ކަމަށެވެ. އަދި
ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އާއި އެއްގޮތަށް މި މަޤާމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން، ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމަށް މީހަކު އައްޔަނުކުރާނީ، މިނިސްޓަރުގެ ލަފާގެ މަތީން، ރައީސުލްޖުމްހޫރިއްޔާ ކަމަށްވެސް އިޢުލާންގައި ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން