ޤާނޫނާއި ގަވާއިދާ ޚިލާފަށް ޢަމަލުކުރާ ބްރޯޑްކާސްޓަރުންނާމެދު ފިޔަވަޅު އަޅާނެ ކަމުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން ބުނެފިއެވެ.
މި ދުވަސްވަރު މާލޭގައި ކުރަމުންގެންދާ މުޒާހަރާތައް ލައިވްކޮށް ބްރޯޑްކާސްޓްކުރުމާ ގުޅޭގޮތުން ބްރޯޑްކޮމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 10 ވަނަ ބާބުގައި އެ ކޮމިޝަނުން ލައިސަންސް ދޫކޮށްގެން ރާއްޖޭގައި ބްރޯޑްކާސްޓްކުރާ ހުރިހާ ފަރާތްތަކުން ރާއްޖޭގައި ބާއްވާ މުޒާހަރާތަކާއި އެއްވުންފަދަ ކަންކަން ބްރޯޑްކާސްޓް ކުރުމުގައި ޢަމަލުކުރަންވީ ގޮތް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނުގައި ރާއްޖޭގައި ބްރޯޑްކާސްޓްކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ގޮތްވެސް ބަޔާންކޮށްފައިވާ ކަމަށެވެ.
މިގޮތުން ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ދަށުން އެ ކޮމިޝަނުން އެކުލަވާލާފައިވާ ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑަކީ ހުރިހާ ވަގުތެއްގައިވެސް ބްރޯޑްކާސްޓަރުން އެއާ އެއްގޮތަށް ޢަމަލުކުރަންޖެހޭ މިންގަނޑެއް ކަމަށާއި، އެ މިންގަނޑާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަކީ އެ ކޮމިޝަނަށް ލާޒިމްކޮށްފައިވާ ކަމެއް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން މުޒާހަރާތަކާއި އެއްވުންފަދަ ކަންކަން ލައިވްކޮށް ބްރޯޑްކާސްޓްކުރަންވާނީ ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތަކާ ޚިލާފު ނުވާ ގޮތަށް ކަމުގައި ބްރޯޑްކޮމް އިން ވަނީ އަންގައިފައެވެ. އަދި ޤާނޫނާއި ގަވާއިދާއި އުސޫލުތަކާ ޚިލާފުވާ ބްރޯޑްކާސްޓަރުންނާމެދު ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމުގައިވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
މި ލިޔުން ކިޔާލުމުން