އެންމެ ނުބައި މީހަކީ އެމީހެއްގެ ޤައުމު ޚަރާބުކޮށް، އަމާންކަމާއި ސަލާމަތްކަން ނަގާލާ، އަމިއްލާ މީހުންނާއި ދެކޮޅަށް ހަނގުރާމަކުރާ މީހާ ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވައި ޚުޠުބާ ވިދާޅުވެ ދެއްވީ މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރެވެ.
މިއަދުގެ ހުކުރު ޚުޠުބާގެ މައުޟޫޢަކީ "ތިޔަބައިމީހުންނީ ލޯބިވާ އަޚުންތަކެއްކަމުގައިވާށެވެ."، މި މައުޟޫޢަށެވެ.
މިގޮތުން މިއަދުގެ ޚުޠުބާގައި ވިދާޅުވީ ދެބަސްވުމާއި ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް، ޤައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެ ކަމަށާއި އަދި ހަރުކަށިކަމާއި ނަފުރަތުން މީސްތަކުން ދީނާ ދުރުކުރާ މީހުންނާއި، މީސްތަކުންނާ ހުތުބަހުން މުޚާޠަބުކޮށް އަނިޔާވެރިވާ މީހުންނާއި، މީސްތަކުންގެ ހިތްތަކުގައި ނަފުރަތުގެ އޮށްތައް އިންދައި، އެބައިމީހުންގެ ބަދަހި ސަފުތައް ވިސްސިވިހާލި ކޮށްލާ މީހުންނާއި، ތަންދޮރު ނުދަނެ ތިބެ ފަތުވާދީއުޅޭ މީހުންނާއި، އަނިޔާވެރިކަމާއި ފާޖިރުމަކުން ސިފަލިބިގެންވާ ބަޔަކަށް ވެސް ޤައުމު އެއްގަލަކަށް ނޭރުވޭނެކަނަށާއި ފުރެދުމާއި، ފަސާދައާއި، އިލްޙާދަށް ގޮވައިލައި، މުސްލިމުން ބައިބައިކޮށް ދެކޮޅުވެރިކަން އުފައްދާ މީހުންނާމެދު ބިރުވެރިވުމަށް ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން، އަމިއްލަ ނަފުސަށާއި، އެހެން މީހުންގެ މައްޗަށް އޯގާވެރި އަޅަކަށްވުމަށާއި ޢިލްމުން ނުދަންނަ މީހުންނަށް އުގަންނައިދީ، އެ މީހުންގެ މައްޗަށް އޯގާވެރިވުމަށާއި، މުދަލުން ފަޤީރުންނަށް ހޭދަކުރުމަށާއި ބޮޑެތިމީހުންނަށް އިޙްތިރާމުކުރުމަށާއި ކުޑަކުދީންނަށް އޯގާވެރިވެ ކުށުގެ ވެށީގައި އުޅޭ މީހުންނަށް މަގުދެއްްކުމަށް ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން މުސްލިމުންނަށް އުނދަގޫކޮށް، އެ މީހުންގެ މައްޗަށް ބާޠިލު ތުހުމަތުތައް ކޮށް، ދޮގު ބުހުތާން ވާހަކަތައް ނުފަތުރުމަށާއި، ދެރަކޮށް، ނިކަމެތިކޮށްނުލުމަށާއި، ބަދުބަސް ބުނެ، ލަޢުނަތްދީ، ކާފިރުކޮށް، ބިދުޢަވެރީންނާއި ފާސިޤުންކަމުގައި ބުނެ ނޫޅުމަށާއި އަތްދަށުން ދޫވެގެން ކުރެވޭ ކުށްތައް ފަތުރައި، ފަޟީޙަތް ނުކުރުމަށްވެސް ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ.
"ހަނދާންކޮށްދޭ މީހެއްގެ އަޑު ނާހައި ތިބާ ހުއްޓުމެއް ނެތި ތިޔަގޮތަށް ދާނީ ކިހައި ދުވަހަކަށް ހެއްޔެވެ؟ ތިބާގެ ޙަޔާތާ މެދު ބިނާކުރަނިވި ފާޑުކިޔުންތެރިޔާއަށް ބީރުކަންފަތެއް ދީގެން އުޅޭނީ ކިހައި ދުވަހަކަށް ހެއްޔެވެ؟ ތަވާޟުޢުވެރިވާންވީ ވަގުތު އަދިވެސް ނާދޭ ހެއްޔެވެ؟ ތަހައްޖުދަށް ތެދުވާކަށް އަދިވެސް ނުވޭހެއްޔެވެ؟ އަހަރެމެންނަށް މި ތިބެވެނީ ނިދިފައި ހެއްޔެވެ؟ ނޫނީ ހިތުގައި ވިންދު ނުޖަހަނީހެއްޔެވެ؟ އަޚާއެވެ! ތިބާ ނިދި ހަމަކޮށް ތެދުވާށެވެ!" ހުކުރު ޚުޠުބާގައި ވިދާޅުވެފައިވެއެވެ.
މި ލިޔުން ކިޔާލުމުން