މި ދައުރުގެ މިހާތަނަށް 1.4 ބިލިއަން ރުފިޔާއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ޝުޖާޢު ވިދާޅުވީ ދައުރުގެ މިހާތަނަށް 9000 އަށްވުރެ ގިނަ ބަނގުރަލާއި 698 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާއިރު، މި މަސްތުވާތަކެތީގެ މަގުމަތީގެ އަގު 1.4 ބިލިއަން ރުފިޔާއަށް ވުރެ ގިނަ ކަމަށެވެ.
އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރާ މީހުންނާއި، އެކި ކަހަލަ ބޮޑެތި ކުށްތައްކުރާ ގުރޫޕުތައް އުފެދި އެ ގުރޫޕުތަކަށް ކުޑަކުދިން ވައްދައި އެ ގުރޫޕުތަކުގެ އިސް މީހުންނަށް މަންފާވާ ގޮތަށް ކުޑަކުދިން ބޭނުންކޮށްގެން މުއްސަނދިވެފައިވާ ގުރޫޕުތަކުގެ ލީޑަރުންގެ މައްސަލަތައް ތަހުގީގުކޮށް ހައްލުކުރުމަށް މިދައުރުގައި ފުލުހުންގެ މަސައްކަތްތައް ތަރުތީބު ކުރެވިގެންދާއިރު، މި މައްސަލަތަކަށް ހައްލު ގެނައުމަށް ތަފާތު ކަމަކަށް މަސައްކަތެއް ފެށިފައިވާކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ކުށްކުރާ ނެޓުވޯކުތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިފައިވާ މުއްސަނދިކަމަކީ ކިހިނެއް ލިބުނު މުއްސަނދި ކަމެއްތޯ ބަލައި އެފަދަ މީހުންނަށް އަމާޒުކޮށް ފައިނޭންޝިއަލް އިންވެސްޓިގޭޝަންތަކެއް ފެށިފައިވާކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ، މި މަސައްކަތުގެ ތެރެއިން ފުވައްމުލަކު ސިޓީގައި މަސްތުވާތަކެތީގެ ނެޓްވޯކަކުން 112 މީހަކު ހޯދައި 121 މައްސަލައެއް ތަހުގީގުކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
"މި ނެޓްވޯކުގެ ބޮޑުންގެ ގޮތުގައި ބެލެވުނު ދެ މީހުންގެ މައްސަލަ ތަހުގީގުކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި، މި ދެ މީހުން ކުށްކޮށްގެން ހޯދި ފައިސާތައް ހަރަދުކޮށްގެން ގަނެފައިވާ އަގުބޮޑު މުދާތައް ދައުލަތަށް ނަގައިދުނުމަށް ވަނީ އެދިފައި. މި ދެ މީހުންގެ އެކައުންޓުގައި ފަސްދޮޅަސް މިލިޔަން ރުފިޔާ ފަސް އަހަރު ދުވަހުގެ ތެރޭގައި ދައުރުކޮށްފައިވޭ"، ސީޕީވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ މާލެއަށް ނިސްބަތްވާ ގުރޫޕެއްގެ ފައިނޭންޝިއަލް ތަހުގީގު ނިމިމި ނެޓްވޯކުގައި އުޅޭ މީހުން ދިރިއުޅޭ ތަންތަން ބަލަން ފެށިފައިވާ ކަމަށާއި، ޖުމުލަ 11 މީހުން އެކުލެވޭ މި ނެޓްވޯކުގެ 64 މިލިޔަން ރުފިޔާ ދައުރުކުރި ގޮތް ތަހުގީގުކޮށް އެ ފައިސާތަކަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާތަކެއް ކަމަށް ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން