މި އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރެވޭނެ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ 92 ވަނަ އަހަރީ ދުވަހާ ގުޅިގެން ރޭ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އިރާދަކުރެއްވިއްޔާ މިއަހަރު ނިމޭއިރުގައި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް ރަނގަޅު ފެންވަރުގައި ދެވޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.
މީގެ އިތުރުން، ފުލުހުންގެ ޤާބިލުކަން އިތުރުކޮށް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ވަޞީލަތުގެ ގޮތުންނާއި އުމްރާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް ޤައުމުގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ފުލުހުންގެ ފުރިހަމަ ޚިދުމަތް ރައްޔިތުނަށް ދެވޭނެ މަގު ފަހިކޮށްދެއްވާނެ ކަމުގައެވެ.
އަދި މި ސަރުކާރު އައި ހިސާބުން ފެށިގެން ތިން އަހަރަށް ބަހާލައިގެން 110 ރަށުގައި ދިވެހި ފުލުހުން ޚިދުމަތްދެވޭ އަމިއްލަ މަރުކަޒުތައް ޤާއިމުކުރެވިގެންދާނެ ކަމަށާއި، މި ސަރުކާރުން ފުލުހުންނަށް ބޭނުންވާ ތަމްރީނު ދިނުމަށާއި ބޭނުންވާ އެހެނިހެން ކަންކަން ކޮށްދިނުމަށްވެސް ވަރަށް އިސްކަންދެއްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރޭގެ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެމަނިކުފާނަށް "އޮނަރ ގަރޑް" އެއް ވަނީ އަރުވާފައެވެ. އަދި މި ޖަލްސާގައި އެމަނިކުފާނު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތަށް ރީތި ނަން ހޯއްދަވައިދެއްވާފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި، ފުލުހުންގެ އިސްވެރިންނާއި، އޮފިޝަލުންގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ލިޔުން ކިޔާލުމުން