Monday, November 16
އަންހެން ކުއްޖާ ވެއްޓުނު މައްސަލައިގައި ހިމެނޭ މީހުން ހޯދައި ފުރުން މަނާކޮށްފި

މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް އަންހެން ކުއްޖަކު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި ހިމެނޭ އެންމެން ހިފަހައްޓައި، އެމީހުން ފުރުން މަނާކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް، ޢަލީ ޝުޖާޢު ވިދާޅުވީ މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ހުކުރު ދުވަހުގެ 7:30 ހާއިރު އާންމު ފަރާތަކުން ކަމަށާއި، އެމްއެންޑީއެފްގެ އެހީއާއެކު އެ ކުއްޖާ އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ އެ ދުވަހު 08:00 ހާއިރު ކަމަށެވެ.

އަދި އެ ކުއްޖާއަކީ ކާކުކަން ދެނެގަނެ، އޭނާގެ ޢާއިލާއަށް ހާދިސާގެ މަޢުލޫމާތު ހިއްސާކޮށްފައިވާ ކަމަށާއި، އެ ހާދިސާ ހިނގައިދިޔަ ގޮތް ހޯދުމުގެ މަސައްކަތް އެހިސާބުން ފަށައި، އެ ކުއްޖާ ވެއްޓުނު އިމާރާތުގެ ވެރިފަރާތާ ގުޅައިގެން ސީސީޓީވީ ފުޓޭޖު ހޯދި ކަމަށެވެ.

މީގެ އިތުރުން، ސީސީޓީވީ ފުޓޭޖު ބެލި ބެލުމުން، އެ އަންހެން ކުއްޖާއާއެކު ހުކުރު ދުވަހުގެ ފަތިހު އިތުރު މީހަކު އުޅުނުކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެ ކުއްޖާއާއެކު އުޅުނީ ގ. އެރިޔަދޫ، ރާއޫދު އަޙްމަދު ޒިލާލް (21 އ) ކަން ދެނެގަނެވިފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނާއި ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ވިދާޅުވީ ރާއޫދާ ސުވާލުކުރުމުން އޭނާއާއެކު އިތުރު ހަތް މީހަކު އެރޭ މާލޭގެ އެހެން ދެ ގެއެއްގައި އެއްކޮށް އުޅުނުކަން އެނގިފައިވާ ކަމަށާއި، އެ އެންމެންގެ ބަޔާންވެސް ނަގައި ފުރުން މަނާކޮށްފައިވާ ކަމަށެވެ. އަދި ރާއޫދު ހައްޔަރުކުރުމުގެ އަމުރަކަށް އެދިފައިވާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު