Monday, November 16
ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީން ދާއޫދު ވަކިކޮށްފި
"ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ"ގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ދާއޫދު އަޙްމަދު، އެ މަޤާމުން ވަކިކޮށްފިއެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާނު، ހީނާ ވަލީދު ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިކަން ކަށަވަރުކޮށްދެއްވައިފައެވެ. މިގޮތުން ހީނާ ވިދާޅުވީ "ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ"ގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ދާއޫދު އަޙްމަދު، އެ ކޮމިޓީއިން އިސްތިޢުފާ ދެއްވުމަށް ހުށަހެޅުއްވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އެ ކޮމިޓީން މިއަދު އޭނާ ވަކިކުރައްވާފައިވާ ކަމަށެވެ. ދާއޫދު އެ މަޤާމުން ވަކިކުރައްވާފައި މިވަނީ އޭނާ ވަކި ނުކޮށްފިނަމަ، މިއަދު ބޯޑު މެންބަރު ކަމުންނާއި ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ނައިބު ރައީސް ނަޒާހާ ނަޒީމް ވިދާޅުވެފައި ވަނިކޮށެވެ. އޭގެ ފަހުން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނަޒާހާ ވިދާޅުވީ، ދާއޫދު މަޤާމުން ވަކިކުރައްވާފައިވާ ކަމަށާއި އެކަން އާންމުކޮށް އިޢުލާންކުރާނެ ކަމަށެވެ. އަދި ދާއޫދަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އެފަދަ މައްސަލަތައް ސަރުކާރުން ޤަބޫލެއް ނުކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވާ ކަމަށްވެސް ނަޒާހާ ވިދާޅުވިއެވެ. ހެންވޭރު ގެއެއްގެ އިމާރާތަކުން ޒުވާން އަންހެން ކުއްޖަކު ވެއްޓުނު މައްސަލައިގައި ދާއޫދުގެ ކޮއްކި، ރާއޫދު އަޙްމަދު ޒިލާލްގެ މައްޗަށް ގިނަ ތުހުމަތުތަކެއް ވަނީ ކޮށްފައެވެ. މީގެ އިތުރުން، ދާއޫދު މަސްތުވާތަކެއްޗާއެކު ޕާޓީ ކުރި ކަމަށް ބުނާ ވާހަކަތަކެއްވެސް މީސްމީޑިއާގައި ވަނީ ފެންމަތިވެފައެވެ. އަދި ގިނަ އަދަދެއްގެ ބަނގުރަލާއެކު ހުއްޓިގެން ހުންނަ ފޮޓޯއަކާއި، ބަދުއަޚްލާޤީ ޢަމަލުތަކެއް ކުރާއިރު ދާއޫދު ކައިރީގައި ހުންނަ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއްވެސް މީސްމީޑިއާގައި ދައުރުވަމުން އެބަދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު