Friday, November 13
ޝަންގްރިލާ ރިސޯޓު ވަރަށް އަވަހަށް ހުޅުވޭނެ: ވަޒީރު ޠާރިޤު

އައްޑޫ ސިޓީ ޝަންގްރިއްލާ ހުޅުވޭނެ ސީދާ ތާރީޚެއް ނުދެންނެވުނަސް، ވަރަށް އަވަހަށް އެ ރިސޯޓު ހުޅުވޭނެ ކަމުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ތާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަންގްރިލާ ހުޅުވުމަށް ކުރަމުން އަންނަ މަސައްކަތާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ އެތަނުގެ ހާލަތު ބައްލަވާލެއްވުމަށް އެމަނިކުފާނު މިދިޔަ ރޯދަ މަހު އެރަށަށް ވަޑައިގެންނެވި ކަމަށެވެ. ރަށް ވަރަށް ރަނގަޅަށް ބަލަހައްޓަމުން އަންނަކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ކުދި ކުދި ބައެއް މަރާމާތުކޮށްގެން ތަން ހުޅުވިދާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެތަން ހުޅުވޭނެ ތާރީޚަކާއި ގުޅޭގޮތުން ސަރުކާރުން ކޮށްދެވެން ހުރީ ކޮންކަމެއްތޯ ބަލަން މެނޭޖްމަންޓާއި މަޝްވަރާކުރެވިފައިވާ ކަމަށާއި، އެތަން ހުޅުވުމަށް ހުރި ދަތިތަކާއި ގުޅޭގޮތުން އެތަނުގެ މެނޭޖްމަންޓުން ފާހަގަކުރަނީ ކަނެކްޓިވިޓީ ގެ މައްސަލަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އައްޑޫ ސިޓީ އަށް ފަސޭހައިން މީހުން ގެންދާނެ ގޮތަކާއި މެދު ހުރިހާ ފަރާތްތަކުން ކަންބޮޑުވެއެވެ.

ދިގު ދަތުރުކޮށްފައި އަންނަ ޓޫރިސްޓުން މާލޭގައި މަޑުކޮށްފައި ދާން ޖެހުމުން ވަގުތުހޭދަވާތީ އެކަމާއި ގުޅޭގޮތުންވެސް މަޝްވަރާ ކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެއަރލައިން ތަކާއި ވެސް ވާހަކަދައްކަމުން އަންނަ ކަމަށާއި އެކަމަށް ގޮންޖެހުންތައް އެބަހުރި ކަމަށެވެ.

މިނިސްޓަރ ފާހަގަކުރެއްވީ ކޮންމެ ދުވަހަކު ނުވަތަ ރެގިއުލަރކޮށް އޮޕަރޭޓްކުރާވަރަށް އައްޑޫގައި ބެޑް ކެޕޭސިޓީ ނެތުމުން އެކަމުގެ ގޮންޖެހުން އެބަހުރި ކަމަށެވެ.

'' އައްޑޫ ސިޓީގައި ފްލައިޓެއް ރެޖިއުލަރކޮށް އޮޕަރޭޓްކުރާވަރަށް، ބޮޑު ފްލައިޓެއް އޮޕަރޭޓްކުރާވަރަށް އެނދެއް އަދިއެއް ނެތް. އެހެން ނަމަވެސް އެނދުތައް އިތުރު ކުރުމުގެ މަސައްކަތް ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ކުރަމުން އަންނަނީ، ރަނގަޅޫ ބެޑް ކެޕޭސިޓީ އެއް ލިބިއްޖެ ނަމަ އައްޑު އަށް ފީސިބްލް ވެގެންދާނެ" ތޯރިޤް އިބްރާހީމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އައްޑޫގައި ރެގިއުލަރ ފްލައިޓް އޮޕަރޭޓް ކުރުމަށް މަދުވެގެން ތިންހާސް އެނދު ހުންނަންޖެހޭނެ ކަމަށް މައުލުމާތު ލިބިފައިވާ ކަމަށެވެ.

އައްޑޫގައި މިވަގުތު އޮޕަރޭޓް ކުރަމުން އަންނަނީ އީކްރޭޓަރ ވިލެޖް އަދި ކެނަރީފް ރިސޯޓެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު