ދައުލަތުގެ ބަޖެޓުން 17 އެޕްރީލް 2025ގެ ނިޔަލަށް ހޭދަކުރި 12.7 ބިލިއަން ރުފިޔާގެ ތެރެއިން 2.5 ބިލިއަން ރުފިޔާ އަކީ ލޯނުތައް ދެއްކުމަށް ހޭދަކުރި ފައިސާ އެވެ.
ދައުލަތުގެ މާލީ ވުޒާރާއިން އާންމުކުރި 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ރިޕޯޓުގައިވާ ގޮތުން، 17 އޭޕްރީލް 2025 ގެ ނިޔަލަށް ދަރަނި އަދާކުރުމަށް 2.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެގޮތުން، ލޯނު އަނބުރާ ދެއްކުމަށް މިއަހަރުގެ ތެރޭގައި ސަރުކާރުން މިހާތަނަށް ކުރި ހޭދަވަނީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 175.9 އިންސައްތަ އިތުރުވެފަ އެވެ.
މި އަހަރު ލޯނު ދެއްކުމަށް ހިނގި ހަރަދުތަކުގެ ތެރޭގައި މިއަހަރުގެ މާރިޗު މަހު ކާގިލް ފައިނޭންޝަލް ސާވިސަސްއަށް ދައުލަތުން ދައްކާފައިވާ 100 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.
މީގެ އިތުރުން، 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ދައުލަތުގެ ޖުމުލަ ރިކަރަންޓް އަދި ކެޕިޓަލް ހަރަދު ވަނީ 25.3 އިންސައްތައިން ދަށްކުރެވިފަ އެވެ. އެގޮތުން 2025 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި މިއަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ހަރަދުގެ ތެރެއިން، 17 އެޕްރީލްގެ ނިޔަލަށް ހިނގާފައިވަނީ 19.3 އިންސައްތަ އެވެ. މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދުގެ 92.2 އިންސައްތަ ރިކަރަންޓް ޚަރަދުގެ ގޮތުގައި ރިކޯޑުކޮށްފައިވާއިރު، 7.8 އިންސައްތައަކީ ކެޕިޓަލް ހަރަދެވެ.
މިއަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށް، މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ހިމަނާފައިވާ ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ 29.3 އިންސައްތަ، 17 އެޕްރީލް 2025ގެ ނިޔަލަށް ދައުލަތަށް ވަނީ ލިބިފަ އެވެ. އެގޮތުން، މިހާތަނަށް ލިބިފައިވާ އާމްދަނީ އާއި ހިލޭ އެހީގެ 77.1 އިންސައްތަ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީން ހިއްސާކުރާއިރު، ޓެކްސް ނޫން އާމްދަނީގެ ޙިއްސާއަކީ 22.3 އިންސައްތަ އެވެ. އެގޮތުން، ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދައުލަތުގެ ޖުމުލަ އާމްދަނީ އާއި ހިލޭ އެހީ މިވަނީ 5.4 އިންސައްތައިން އިތުރުވެފަ އެވެ.
އާމްދަނީގެ ވަކިވަކި ބައިތަކުގެ ތެރެއިން، މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ މިވަނީ 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 6.7 އިންސައްތައިން އިތުރުވެފައެވެ. އެގޮތުން، ޓި.ޖީ.އެސް.ޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ 8.0 އިންސައްތައިން އިތުރުވެފައިވާއިރު، ޖީ.ޖީ.އެސް.ޓީގެ އާމްދަނީ މިވަނީ 3.4 އިންސައްތައިން އިތުރުވެފައެވެ.
މީގެއިތުރުން، މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އެއަރޕޯޓު ޓެކުހާއި ފީގެ ރޭޓުތައް ބޮޑުކޮށްފައިވުމުގެ ސަބަބުންނާއި ފަތުރުވެރިކަމަށް އައިސްފައިވާ ކުރިއެރުމާއެކު ޑިޕާޗާ ޓެކުހާއި އެއަރޕޯޓު ތަރައްގީކުރުމަށް ނެގޭ ފީގެ ގޮތުގައި ލިބޭ އާމްދަނީވެސް މިވަނީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު އިތުރުވެފައެވެ. އާމްދަނީން ނަގާ ޓެކުހުގެ ތެރެއިން ވިޔަފާރި އާމްދަނީން ނަގާ ޓެކުހާއި ފަރުދުންގެ އާމްދަނީން ނަގާ ޓެކްސް އިތުރުވެފައިވީ ނަމަވެސް، ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ތެރޭގައި އެޑްވާންސްކޮށް ބޭންކް ޕްރޮފިޓް ޓެކުހުގެ ގޮތުގައި 426.0 މިލިއަން ރުފިޔާ ބަލައިގަނެ ޖުމުލަ 946.9 މިލިއަން ރުފިޔާ އެހެނިހެން ބިޒްނަސް އަދި ޕްރޮޕަރޓީ ޓެކްސްގެ ގޮތުގައި ލިބިފައިވާތީ، މިއަހަރުގެ މިހާތަނަށް މި ދާއިރާއިން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވާ އާމްދަނީ ދަށެވެ. 17 އެޕްރީލް 2025 ގެ ނިޔަލަށް ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މިއީ ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް މި އަހަރުގެ ބަޖެޓުގައި އަންދާޒާކޮށްފައިވާ ޢަދަދުގެ 32.7 އިންސައްތަ އެވެ.
މި ލިޔުން ކިޔާލުމުން