Saturday, October 31
ޖިނާއީ މައްސަލައެއްގައި ފުރަތަމަ ފަހަރަށް ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ހުށަހަޅައިފި

ދިވެހިރާއްޖޭގެ ކޯޓެއްގައި ފުރަތަމަ ފަހަރަށް ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ހުށަހެޅުމުގެ ފުރުޞަތު ދީފިއެވެ.

ކުޑަކުއްޖެއްގެ ޢުމުރުން 8 އަހަރުން ފެށިގެން 18 އަހަރާ ހަމައަށް، 10 އަހަރު ދުވަސް ވަންދެން އެކި ފަހަރު މަތިން އެކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 54 އަހަރަށް ޖަލަށްލުމަށް 21 އެޕްރީލް 2025 ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފައިވެއެވެ.

ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓަކީ ކުށެއްގެ ސަބަބުން ތަހައްމަލު ކުރަންޖެހުނު ނަފްސާނީ އަދި ޖިސްމާނީ އަނިޔާއާއި، މައްސަލައިގެ ހާދިސާގެ ސަބަބުން ދިރިއުޅުމަށް ކުރި އަސަރު ކޯޓުގައި ބަޔާންކުރުމަށް މައްސަލާގައި އަނިޔާލިބުނު ފަރާތުން ކޯޓުގައި ހުށަހަޅާ ބަޔާނެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލާގައި އަނިޔާ ލިބުނު ކުއްޖާ ވަނީ އެ އޮފީސް މެދުވެރިކޮށް ކޯޓަށް ބަޔާނެއް ހުށަހަޅައި، މި މައްސަލައިގެ ޙާދިސާގެ ސަބަބުން ކުއްޖާގެ ދިރިއުޅުމަށް ކުރި އަސަރު ވަރަށް އަސަރާއެކު ބަޔާންކޮށްދީފައި ކަމަށާއި، މި ބަޔާން ކޯޓުގައި އިއްވަވައިދެއްވާފައިވަނީ ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ އަލްމާސް މުބާރިކު ކަމަށެވެ.

ޖިނާއީ މައްސަލަތަކުގެ ތެރެއިން ވިކްޓިމުން ހިމެނޭ މައްސަލަތަކުގައި، ކުށް ސާބިތުކުރުމަށް ކުރާ މަސައްކަތުގެ އިތުރުން، މި އޮފީހުން އެންމެ ބޮޑު އިސްކަމެއްދޭ ކަމަކީ ވިކްޓިމުން، ބާރުވެރިކުރުވުން ކަމަށާއި، ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ހުށަހެޅުމަކީ ވިކްޓިމުން ބާރުވެރިކޮށް، ވިކްޓިމުންނަށް ތަސައްލީ ހޯދައިދިނުމަށްޓަކައި ހުޅުވާލެވިފައިވާ މިނިވަން ދީމިޤްރާތީ މުޖުތަމަޢުތަކުގައި އަމަލުކުރާ އުޞޫލެއް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މީގެ އިތުރުން ޕީޖީ އޮފީހުން ވަނީ މި މައްސަލާގައި ކުށް ސާބިތުވުމަށްފަހު އަދަބު ކަނޑައެޅުމުގެ ކުރިން އަނިޔާލިބުނު ކުއްޖާއަށް ކޯޓުގައި އެކުއްޖާގެ ބަސް އިއްވުމުގެ ފުރުޞަތު ލިބިދިނުމަށް އެ އޮފީހުން ކޯޓުގައި އެދުމުން، ކޯޓުން އެ ފުރުޞަތު ދެއްވާފައިވާތީ އެކަމަށް މަރުޙަބާ ކިޔައިފައެވެ.

"މި އޮފީހުން މިގެންދަނީ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ވިކްޓިމުންނަށް އޮތް ފުރުޞަތުތައް އިތުރަށް ފަހިކޮށްދީ، ވިކްޓިމް-ސެންޓާރޑް ނިޒާމަކަށް މިސްރާބު ޖަހަމުން"، ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ވެއެވެ.

ޕީޖީ އޮފީހުން ބުނީ ކުށްކުރި ފަރާތުގެ މަޢުލޫމާތު ހާމަކޮށްފައި ނުވަނީ މި މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ހައްސާސް މައްސަލައަކަށް ވެފައި، އަނިޔާލިބުނު ކުއްޖާގެ މަޢުލޫމާތު ޙިމާޔަތްކުރުމުގެ ބޭނުމުގައި ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު