Saturday, October 31
ކުރިއަށް އޮތް ނުވަ އަހަރުގެ ތެރޭގައި ބައިނަލްއަގްވާމީ ގޭމްސްއެއް ރާއްޖޭގައި ބޭއްވުމަކީ އަމާޒެއް: ވަޒީރު ރާފިޢު

ކުރިއަށް އޮތް ނުވަ އަހަރުގެ ތެރޭގައި ބައިނަލްއަގްވާމީ ގޭމްސްއެއް ރާއްޖޭގައި ބޭއްވުމަކީ އަމާޒެއް ކަމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

"ޕީއެސްއެމް ނިއުސް" ގެ ރާއްޖެ މިއަދު ޕުރޮގުރާމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ސަރަހައްދީ ގޭމްސްއެއް ރާއްޖޭގައި ބޭއްވުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށާއި، ކުރިއަށް އޮތް ނުވަ ވަރަކަށް އަހަރުގެ ތެރޭގައި ބައިނަލްއަގްވާމީ ގޭމްސްއެއް ރާއްޖޭގައި ބޭއްވުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.

މިގޮތުން ސާފް ގޭމްސް، އޭޝިއަން ގޭމްސް ނުވަތަ ކޮމަންވެލްތު ގޭމްސްއެއް ބޭއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ރާފިޢު ވިދާޅުވީ ސަރުކާރުން މިވަގުތު ކުރައްވަމުން އަންނަ މަސައްކަތަކީ މި ގޭމްސް ބޭއްވުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުން ކަމަށާއި، ގޭމްސްގެ އެކި ކުޅިވަރުތައް ކުޅޭނެ ޒަމާނީ ތަންތަން ޤާއިމްކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް އިސްކަން ދެއްވާ ކަމަށެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ މި ގޭމްސްތަކުގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ކުރާނީ ދިވެހި އެތުލީޓުންނަށް ކަަމަށާއި، ބައިނަލްއަޤްވާމީ ގޭމްސްގެ މެޑަލަކާ ހަމައަށް ދިއުމަކީވެސް ސަރުކާރުން އިސްނަގައިގެން ތައްޔާރުކުރައްވަމުން އަންނަ ކުޅިވަރުގެ ދިގު ރާސްތާ ޕްލޭންގައި ހިމެނޭ ކަމެއް ކަމަށެވެ. މިކަން ކާމިޔާބު ކުރުމަށް ރާއްޖޭގައި ބާއްވާ އެކި އެކި މުބާރާތްތަކުން ހޮވާލެވޭ ކުދިންނަށް އެކަށީގެންވާ ތަމްރީން ދިނުމާއި، ރަނގަޅު ފެންވަރުގެ ކޯޗުން ރާއްޖެ ގެނެސް، އެ ކުޅުންތެރިން ތަމްރީންކުރުމާއި, ކޯޗުން ތަމްރީން ކުރުމަކީވެސް މުހިންމު ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އޭޝިއަން ގޭމްސް، ކޮމަންވެލްތު ގޭމްސް ނުވަތަ އޮލިމްޕިކް ގޭމްސްގެ ޕޯޑިއަމް ފިނިޝްއާ ހިސާބަށް ދިއުމަކީ ހާސިލްކުރެވޭނެ ވަރުގެ ކާމިޔާބީއެއް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު