Friday, November 13
މަސްޖިދުއްނަބަވީގެ އިމާމު ރައީސް އާއި ބައްދަލުކުރައްވައިފި

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލްބުދައިރު ރާއްޖެއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމުޙޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑޮކްޓަރ ޞަލާޙުލް ބުދައިރަށް މަރުހަބާ ދަންނަވާ، ސަޢޫދީ ޢަރަބިއްޔާ އާއި ދިވެހިރާއްޖޭގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި، މިދަތުރުފުޅަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގައި އެޅިގެންދާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޑޮކްޓަރ ޞަލާޙުލް ބުދައިރުގެ މިދަތުރުފުޅަކީ، ވޭތުވެދިޔަ 41 އަހަރުގެ ތެރޭގައި މަސްޖިދުއްނަބަވީގެ އިމާމަކު ރާއްޖެއަށް ޒިޔާރާތްކުރެއްވި ފުރަތަމަ ފަހަރުކަމަށްވެސް ފާހަގަކުރެއްވިއެވެ. ޑޮކްޓަރ ޞަލާޙުލް ބުދައިރުގެ ވާހަކަފުޅުގައި އެމަނިކުފާނަށް ރާއްޖެއިން އެރުވި ދަޢުވަތާއި މެހެމާންދާރީއަށް ޝުކުރުދެންނެވިއެވެ. އަދި، ދެޤައުމުގެ މެދުގައި އޮތް ގުޅުމަކީ އިސްލާމީ ވަހުދަތުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއްކަމަށް ވިދާޅުވެ، އެގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭގޮތުން އެމަނިކުފާނު ވާހަކަފުޅުދެއްކެވިއެވެ. މި ބައްދަލުކުރެއްވުމުގައި ޑޮކްޓަރ ޞަލާޙުލް ބުދައިރު ވަނީ، ސަޢޫދީ ރަސްގެފާނު، ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލްސަޢޫދު އާއި އެޤައުމުގެ ވަލީޢަހުދު ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒު އަލްސަޢޫދު ގެ ހެޔޮ އެދުންތައް ރައީސުލްޖުމްހޫރިއްޔާއަށް އަރިސްކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްޤީގައި، ޚާއްޞަކޮށް އިސްލާމީ ތަޢުލީމު ފުޅާކުރުމުގައި،  ސަޢޫދީ ޢަރަބިއްޔާގެ ދައުރުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ޙައްޖާއި ޢުމްރާގެ އަޅުކަމުގެ އިންތިޒާމުތައް ފަސޭހަކޮށްދިނުމާއި، ޙައްޖާއި ޢުމްރާވެރިންނަށް ސަޢޫދީ ސަރުކާރުން ފޯރުކޮށްދެމުންދާ މެހެމާންދާރީއަށް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ޝުކުރެއް ދެންނެވިއެވެ. މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ، ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ވަރުގަދަ ކުރެއްވުމަށް އިސްލާމީ އުއްމަތުގައި ފާހަގަކޮށްލެވޭ ޢިލްމުވެރިން ރާއްޖެއަށް ގެންނެވުމަށް ރައީސުލްޖުމުހޫރިއްޔާގެ އިރުޝާދާއި ލަފާފުޅުގެ ދަށުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވި ދަޢުވަތުގައި ކުރައްވާ ދަތުރުފުޅެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު