ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިޢްޒުގެ މި ދައުރު ވެގެންދާނީ މިހާތަނަށް ދިވެހި އަސްކަރިއްޔާ ނުދެކޭހާ ކުރިއެރުމާއި ޤާބިލްކަން ލިބޭނެ ދައުރަކަށް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެ އެވެ.
ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޙިލްމީ ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ޤާބިލްކަން އިތުރުކުރުމަށް ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިޢްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.
އެމަނިކުފާނުގެ ވެރިކަމުގެ އެންމެ ކުރީކޮޅު އަސްކަރިއްޔާއަށް ހޯއްދަވައި ދެއްވާފައިވާ ތަރައްޤީއަކީ މިކަމުގެ އެންމެ ބޮޑު ހެކި ކަމުގައި ޗީފް އޮފް ޑިފެންސް ފާހަގަކުރެއްވި އެވެ. އެގޮތުން ދިވެހި އަސްކަރިއްޔާގައި ވައިގެ ބާރު އުފެއްދެވީ ރައީސް މުއިޢްޒުގެ ޒަޢާމަތުގައި ކަން ފާހަގަކުރެއްވި އެވެ. އަދި އަސްކަރިއްޔާގެ އެއްގަމުގެ ބާރާއި ކަނޑުގެ ބާރު ގަދަކުރެއްވުމަށް ވެސް އެމަނިކުފާނު ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.
"މި ރިޔާސީ ދައުރުވެގެންދާނީ މި އަސްކަރިއްޔާ ތަރައްޤީގެ އެތައް ގުނަ އިތުރުވެގެންދާނެ ދައުރަކަށް. އެމަނިކުފާނަކީ މި ޤައުމުދެކެ ލޯބިވާ އަޅުގަނޑުމެން ފަޚުރުވެރިވާ ލީޑަރެއް," ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވި އެވެ.
މީގެއިތުރުން، ދިވެހި ސިފައިން އުފެދުނު ފަހުން މިހާތަނަށް ދިވެހިރާއްޖެއާ ތޮޅެން އައި ކޮންމެ ބަޔަކާ ފިސާރި ހިތްވަރާއެކު ސިފައިން ކުރިމަތިލާފައިވާކަން ފާހަގަކުރައްވައި، އެފަދަ ކިތަންމެ ތާރީޚެއް ވެސް ޙިލްމީ ވަނީ ފާހަގަކުރައްވާފަ އެވެ.
މި ލިޔުން ކިޔާލުމުން