Monday, November 2
ފުލުހުންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ގިނަ އަދަދެއްގެ ބަނގުރާ މިއަދު ދޫނިދޫގައި ނައްތާލައިފިއެވެ.

މިގޮތުން ނައްތާލާފައިވަނީ 457 ބްރޭންޑެޑް ފުޅިއާއި، 490 ޕެޓް ފުޅި އަދި 282 ދަޅު ބިޔަރުގެ އިތުރުން އެހެނިހެން ތިން އައިޓަމެވެ. ނައްތާލެވުނު އެހެނިހެން ތަކެތީގެ ތެރޭގައި ކޮތަޅު، ނޫސްކަރުދާސް، ކަރުދާސް ފޮށިގަނޑު އަދި ދަބަސް ފަދަ ތަކެތި ހިމެނެއެވެ.

މިފަހަރު ނައްތާލި ބަނގުރާގެ ތެރޭގައި ހިމެނެނީ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅި، ފައިލުކުރުމަށް ނިންމާފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރާއެވެ. މީގެ އިތުރުން ޑްރަގް އެންފޯސްމަންޓް، ޓޫރިސްޓު ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ، ތުހުމަތުކުރެވޭ ފަރާތެއް ނެތް އިންސިޑެންޓުތަކުގައި ހިމެނޭ ބަނގުރާވެސް ހިމެނެއެވެ.

އަދި މީގެއިތުރުން ކޭސްކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރާވެސް މިފަހަރު ނައްތާލެވުނު ތަކެތީގެ ތެރޭގައި ހިމެނެއެވެ.

ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވިގޮތުގައި މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކުލަވައިލާފައިވާ ކޮމިޓީގެ ބެލުމުގެދަށުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު