Monday, November 2
ޕޭޕަލް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވަޒީރު ސައީދު ވިދާޅުވެއްޖެ

ބައިނަލްއަޤުވާމީ ޕޭމަންޓް ގޭޓްވޭ ނިޒާމުތައް ރާއްޖެއަށް ތަޢާރަފު ކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން ޕޭޕަލް ޕޭ ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސަޢީދު ވިދާޅުވީ ފަންނުވެރި އިޤްތިޞާދެއް އުފެއްދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒެއް ކަމަށެވެ. އަދި މީގެ ކުރިން މިފަދަ ކަމަކަށް އަމަލީގޮތުން ފާހަގަކުރެވޭ މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިހާރު ދިވެހި ޒުވާނުންނަށް ފައިސާފޮނުވުމަށް ހުރި ގޮންޖެހުންތައް ހައްލުކުރަން މަސައްކަތް ކުރަމުން އެބަދޭ. ވަގުތު ނަގާ ކަންކަން މި ހުންނަނީ. ޕޭޕަލް ތަޢާރަފު ކުރަން ކުރިން މަސައްކަތެއް ކުރިހެނެއް ހިއެއް ނުވޭ. ޕޭޕަލްއާ އެކު މަޝްވަރާތައް ހިނގަމުން އެބަދޭ، އެކަމުގައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ވެސް ހުންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިއަދަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ "ވޯލްޑް ކްރިއޭޓިވިޓީ އެންޑް އިނޮވޭޝަން ޑޭ" ކަމަށްވާތީ، ރާއްޖޭގައި ފަންނުވެރި އިޤްތިޞާދެއް އުފެއްދުމަށް ކުރާ މަސައްކަތުގެ ދަށުން، ޓިކްޓޮކް މެދުވެރިކޮށް ޑިޖިޓަލް މޮނެޓައިޒޭޝަންގެ އާ މަގުތައް ހުޅުވުމަށް ވެސް މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ.

އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން މި އަހަރުގެ ޖެނުއަރީ މަހު ބުނެފައިވާ ގޮތުގައި ޕޭޕަލް ޕޭ، އެމޭޒަން ޕޭ އަދި ގޫގުލް ޕޭ ގެނައުމަށް ސަރުކާރުން ވަނީ އެ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހަޅާފައެވެ. އަދި އެގްޒެކެޓިވް މެނޭޖްމަންޓު ލެވަލްގައި އެކަމާބެހޭ ވަރަށް ގިނަ މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު