އާދިއްތަ, November 1
ހޯޕް އައިލެންޑް ތަރައްގީ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި

އުތުރު ތިލަފަޅުގައި ހަދާ މަރުކަޒީ ޖަލާއި ކުށްކުރާ ކުދިންގެ އިސްލާހީ މަރުކަޒު ނުވަތަ "ހޯޕް އައިލެންޑް" ތަރައްގީކުރާ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

ކުރިން "ހޯޕް އައިލެންޑް" ދ. ވާނީގައި ތަރައްޤީކުރުމަށް ނިންމާފައި އޮތްނަމަވެސް ފަހުން ވަނީ އެތަން އުތުރު ތިލަފަޅުގައި ތަރައްގީ ކުރަން ނިންމާފައެވެ.

މި މަޝްރޫޢު ކުރިއަށްގެންދިޔުމަށް ބޭނުންވާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން މިމަހުގެ 27 ވަނަ ދުވަހާހަމައަށް އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި މަޝްރޫޢުގައި ހިމެނެނީ އެތަން ތަރައްޤީކުރުމަށް ބިން ހިއްކުމާއި ހިއްކި ސަރަޙައްދު ހިމާޔަތް ކުރުމާއި ބެނުންވާ ވަޞީލަތްތައް ތަރައްޤީކުރުމެވެ.

އުތުރު ތިލަފަޅުގައި ހޯޕް އައިލެންޑް ތަރައްޤީކުރަނީ 700 މީހުންގެ ޖާގަޔަށް ޚާއްސަކޮށްގެންނެވެ. އެގޮތުން އެތަނަށް ގެންދާ ކުދިންނާއި މުވައްޒަފުން ތިބުމަށް ޚާއްސަ ޔުނިޓްއަކާއި ތަޢުލީމް ފޯރުކޮށްދިނުމަށާއި އެކި ތަމްރީންތައް ކުރިއަށްގެންދާނެ ސަރަޙައްދެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން އެކި ކަހަލަ ކުޅިވަރު ކުޅެވޭނެ ސަރަޙައްދަކާއި ސިއްޙީ ޚިދުމަތް ފޯރުކޮށްދޭނެ ތަނެއްވެސް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ.

ހޯޕް އައިލެންޑަށް ގެންދާކުދިން ޢުމުރުން ކުދިން 18 އަހަރު ވަންދެން އެތަނުގައި އުޅޭނެކަމަށް މީގެ ކުރިން ސަރުކާރުން ވިދާޅުވެފައެވެ. އެއަށްފަހު ދިވެހި ފުލުހުން ނުވަތަ ދިވެހި ސަފައިންގެ ޚިދުމަތުންކުރެ ތަނެއްގައި ވަކި މުއްދަތެއް ވަންދެން އެކުދިން ޚިދުމަތް ކުރަންޖެހޭނެއެވެ. އެއަށްފަހު އެކުދިން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ފުރުޞަތު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު