ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަހަރު އޯލެވެލް އިމްތިޙާނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށްވެސް ކާމިޔާބީއަށް އެދިވަޑައިގަންނަވައިފިއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ އޯލެވެލް އިމްތިޙާނު ފެށުމާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންނަކީ ޤައުމު ފަޚުރުވެރިވާނެ ދަރިވަރުންނަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މިއަހަރުގެ އެސް.އެސް.ސީ އަދި އޯލެވެލް އިމްތިޙާނަށް ތައްޔާރުވުމަށް ހުރިހާ ދަރިވަރުން ކުރި ބުރަ މަސައްކަތުގައި މާތްﷲ ބަރަކާތް ލެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވެފައިވަނީ އެސް.އެސް.ސީ އަދި އޯލެވެލްގައި ރާއްޖެއިން ބައިވެރިވާ 8,364 ދަރިވަރުންނަށްވެސް ހިތްހަމަޖެހޭ ފާގަތި ދުވަސްތަކަކަށް އިމްތިޙާނުގެ މުއްދަތު ވުމަކީ އެމަނިކުފާނުގެ އުއްމީދު ކަމަށެވެ. އަދި ތޫނުފިލިކަމާއެކު ފަސޭހައިން ސުވާލުތަކަށް ޖަވާބުދެވޭ، ބެލެނިވެރިންނާއި ސްކޫލްތަކުން އުންމީދުކުރާ ފަދަ ރަނގަޅު ނަތީޖާއެއް ދަރިވަރުން ހާސިލްކުރުމަށްވެސް އެދިވަޑައިގެންނެވިއެވެ.
ތަޢުލީމީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މިއަހަރުގެ އޯލެވެލް އިމްތިޙާނު ރާއްޖޭގެ 260 ސެންޓަރެއްގައި ކުރިއަށްދާނެއެވެ.
މި ލިޔުން ކިޔާލުމުން