Monday, November 2
އައިޔޫއެމްގެ ޖާގައާއި ވަޞީލަތް ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޖާގައާއި ވަސީލަތްތައް ފުރިހަމަކުރުމާއި، ޔުނިވަރސިޓީގެ ކުރިއެރުމަށް ކުރަން ޖެހުނު ކޮންމެ މަސައްކަތެއް އުފަލާއެކު ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ އައިޔޫއެމްގެ ކުރިމަގު، ސަރުކާރުން ވަރަށް އިސްކަންދީގެން ބައްޓަން ކުރައްވާނެކަމަށެވެ. ސަރުކާރުގެ މެނިފެސްޓޯގައި ވެސް ހިމެނޭހެން އައިޔޫއެމްގެ ކުރިމަގަށް، އެ މުވައްސަސާ ވަރުގަދަކުރުމަށް ގިނަ މަސައްކަތްތައް ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

އެގޮތުން އައިޔޫއެމްގެ ތަރައްޤީއަށް މިހާރު ކުރައްވަމުންދާ އެންމެ ބޮޑު މަސައްކަތަކީ، އައިޔޫއެމްއަށް އާ އިމާރާތެއް އަޅައިދިނުމުގެ މަސައްކަތްތަކަމަށާއި އެކަމަށް ބޭނުންވާ ބިންވެސް މިހާރު ހަމަޖައްސާފައިވާކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސުކޫކު ވިއްކައިގެން އަޅާ އައިޔޫއެމްގެ ވަޤްފް އިމާރާތް "ސަނާބިލް" މަޝްރޫޢުއަކީވެސް މި ސިޔާސަތުގައި ހިމެނޭ ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ. މިއީވެސް ނުކުރެވި އެތައް އަހަރަކަށް ދިގުލައިގެން ގޮސްފައި އޮތް މަސައްކަތްތަކެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަތޮޅުތަކަށް އައިޔޫއެމްގެ ކެމްޕަސްތައް ފުޅާކުރުމަކީވެސް، ޔުނިވަރސިޓީގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަށް ނިންމަވާ، ކުރައްވާ މަސައްކަތެއްކަމަށް ވިދާޅުވިއެވެ.

"އައިޔޫއެމްގެ އާ އިމާރާތް އެޅުމަށް ހުޅުމާލެއިން ބޮޑު ބިމެއް ހަމަޖެހިފައިވަނީ މިހާރު. އައިޔޫއެމްގެ ކުރިމަގު ބައްޓަން ކުރުމަކީ ޢަމާޒު. ޖާގައާއި ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތް އުފަލާއެކު ކުރިއަށްގެންގޮސްދޭނަން." ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު