ފުލުހުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތަކީ މާތް މަޤުޞަދެއް ޙާޞިލްކުރުމަށް ދެވޭ ޚިދުމަތެއްކަމަށާއި، އެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭންވާނީ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.
އީކުއޭޓަރ ވިލެޖުގެ ބްލޫ ލެގޫންގައި އިއްޔެ ބޭއްވި "ތިން ބްލޫ ލައިން- އަ ސައުތު ސައިޑް ސެލެބްރޭޝަން" ގެ ނަމުގައި ބޭއްވުނު ސްޓާފް އެޕްރިސިއޭޝަން ނައިޓްގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ މިހެން ވިދާޅުވިއެވެ. މި ހަފްލާއަކީ އައްޑޫ ސިޓީ ފުލުހުންނާއި އައްޑޫ ސިޓީގައި މަސައްކަތްކުރަމުން އަންނަ ސައުތު ޕޮލިސްގެ ސްޕެޝަލިސްޓް ޓީމުތަކުގެ ފުލުހުން 2024 ވަނަ އަހަރު ކޮށްފައިވާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި ހަފްލާއެކެވެ.
"ފުލުހުންގެ މަސައްކަތްތަކަކީ ވަރަށް މާތް މަސައްކަތެއް. އަދި ފުލުހުންގެ މަސައްކަތުގެ އަގުވަޒަންކުރުމަކީ ގިނަ ފަހަރަށް ނުކުރެވި ދޫކޮށްލެވޭ ކަމެއް. ނަމަވެސް މިފަދަ ހަފްލާއަކުން، ސައުތު ޕޮލިސްގެ ހުރިހާ ފުލުހުންނާ ބައްދަލުވެވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ،" ކޮމިޝަނަރ ވިދާޅުވިއެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝަމީމް ވިދާޅުވީ، ސައުތު ޕޮލިސްގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ރީޖަންގެ ތެރޭގައި ހަމަޖެހިފައިވާ އެކިއެކި ނިޒާމުތަކުގެ ސަބަބުން މަސައްކަތަށް ލިބިފައިވާ ފަސޭހަކަމާއި ކުރިއެރުންތައްވެސް ފާހަގަކުރެއްވިއެވެ.
މި ހަފްލާގައި އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުންނާއި ސައުތު ޕޮލިސްގެ އެކި ޔުނިޓުތަކުން އެންމެ ރަނގަޅަށް މަސައްކަތްކޮށްފައިވާ ފުލުހުންނަށާއި، އާންމު މުވައްޒަފުންނަށާއި ޓެކްނިކަލް މުވައްޒަފުންގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދެވުނެވެ. މީގެ އިތުރުން ޑިޕާޓްމަންޓުތަކާއި ޔުނިޓުތަކުން ކޮށްފައިވާ މަސައްކަތުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުންވެސް ދެވުނެވެ.
މި ލިޔުން ކިޔާލުމުން