ދިވެހި އަސްކަރިއްޔާގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޤައުމީ ދިފާޢީ ބާރުގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި މަގުމަތީގެ ހިނގާލުން ބައްލަވާލައްވައިފިއެވެ.
މި ހިނގާލުމުގައި ކަނޑާއި، އެއްގަމާއި އަދި ވައިގެ އެކި ބަހާތަކަށް ނިސްބަތްވާ ސިފައިންނާއި އަސްކަރީ އުޅަނދުތައް ވަނީ ދައްކާލާފައެވެ.
ޝަރަފުގެ ހިނގާލުން ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންނާއި ދިފާޢީ ވަޒީރު ޣައްސާން މައުމޫނުއާއި ސަރުކާރުގެ ވަޒީރުންނާއި، އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މި ހިނގާލުން ބަލާލުމަށް ކުޑަކުދިން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެ ސަރަޙައްދުތަކަށް ޖަމާވެފައެވެ.
އެމްއެންޑީއެފްގެ ޝަރަފުގެ ހިނގާލުން ފެށީ ބަންޑާރަކޮށިންނެވެ. މި ހިނގާލުމުގައި ސިފައިންގެ ލަޝްކަރު މާލޭގެ ފަސް ސަރަޙައްދެއްގައި މަޑުކޮށް، އެކި ހުށަހެޅުންތައް ހުށަހަޅައިދިނެވެ. އެ ސަރަޙައްދުތަކަކީ އަމީރު އަޙްމަދު މަގު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތި، ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ހަތަރު އަނގޮޅި، މަޖީދީމަގު މިލިޔަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާކޮށި ހުޅަނގު އުތުރު ކަންމައްޗެވެ. މަގުމަތީ ހިނގާލުން ނިންމާލީ ކަޅުތުއްކަލާކޮށްޓަށެވެ.
ދިފާޢީ ބާރުން ފާހަގަކުރައްވާ ގޮތުގައި މި ހިނގާލުމުގެ ބޭނުމަކީ ދިވެހި އަސްކަރިއްޔާގެ މުހިންމުކަން ބުނެދީ، ޤައުމުގެ ދިފާޢުގައި އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި އޮންނަ އޮތުން ދައްކުވައިދިނުމެވެ. އަދި ރައްޔިތުންނާއި އަސްކަރިއްޔާއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމެވެ.
މި ލިޔުން ކިޔާލުމުން