Monday, November 2
އެޗްޑީސީގެ ނަމުގައި ސްކޭމްކުރަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި މަކަރާއި ހީލަތުން އާންމުންގެ މަޢުލޫމާތު ހޯދަން މަސައްކަތްކުރާ ބައެއް އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ހާމަކޮށްފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، މި މަކަރުވެރިން އެޗްޑީސީ ހައުސިން ޑިވެލޮޕްމަންޓް ކޯޕޯ ކިޔާ ދޮގު ނަމެއް ބޭނުންކޮށްގެން ވައިބަރ މެސެޖާއި ފޯނު ކޯލްތައް މެދުވެރިކޮށް މީހުންނާ ގުޅައި މަކަރު ހެދުމުގެ މަސައްކަތް ކުރަމުންދެއެވެ. މި ފަރާތްތަކުން 7933128 އާއި 7956509 މި ދެ ނަންބަރުން ގުޅައި، އެކިއެކި މަޢުލޫމާތު ކަށަވަރުކުރަން އެދޭކަން ވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މި މަކަރުވެރިން ވެރިފިކޭޝަނެއްގެ ގޮތުގައި ދައްކައިގެން ޖީމެއިލް އެކައުންޓްތަކަށް ވަދެވޭތޯ ވެސް މަސައްކަތްކުރެއެވެ. މިފަދަ މަކަރުވެރި އަމަލުތަކުން ރައްކާތެރިވުމަށް އެންމެން ވެސް ސަމާލުވާންޖެހޭކަމަށާއި އެޗްޑީސީއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ބޭނުންވާނަމަ، އެ ކުންފުނީގެ ރަސްމީ ނަންބަރުތަކުން ނުވަތަ ވެބްސައިޓުން އެ މަޢުލޫމާތު ކަށަވަރުކުރުމަކީ މުހިންމު ކަމެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އާންމުންނަށް އަންގާފައިވަނީ މިއީ އެޗްޑީސީގެ ރަސްމީ މުވާސަލާތެއް ނޫން ކަމަށާއި، އެޗްޑީސީއިން އަމިއްލަ ވައިބަރ އެކައުންޓްތަކުން މުވާސަލާތު ނުކުރާނެ ކަމަށެވެ.

ފުލުހުން އާންމުންނަށް އިރުޝާދު ދެމުން ބުނެފައިވަނީ މިފަދަ މެސެޖެއް ނުވަތަ ފޯނު ކޯލެއް ލިބިއްޖެނަމަ އެއަށް ޖަވާބު ނުދިނުމަށާއި، އަމިއްލަ މަޢުލޫމާތު ހިއްސާނުކުރުމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު