ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވީހާވެސް ޅަފަތުގައި ދެނެގަތުމަށް އަމާޒުކޮށް، އެފަރާތްތަކަށް ޚާއްޞަ އެކްޝަން ޕްލޭނެއް އެކުލަވާލަމުންދާ ކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
އިޖްތިމާޢީ ވުޒާރާއާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެން އެކުލަވާލަމުންދާ "ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަން" ގައި އެންމެ ބޮޑު އިސްކަމެއް ދެވިފައިވަނީ ޞިއްޙީ ދާއިރާއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް ކަމަށް އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޢާޠިފް ވިދާޅުވިއެވެ.
"އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައިވެސް މި ޕްލޭނުގައި އޮންނާނީ، ވީހާވެސް ޅަފަތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދެނެގަތުން. އެންމެ ފުރަތަމަ ކައިވެނިކުރާ ދުވަހުން ފެށިގެން އެމީހުންނަށް ލިބޭ ކައުންސެލިންގއާއި، ފެމިލީ ޕްލޭނިންގގެ ތެރެއިން ކުރަންޖެހޭ ކަންކަމަކީ އަޅުގަނޑުމެން ނިޒާމެއްގެ ތެރެއިން ވަކި ގޮތަކަށް މި ކަން ކުރެވިއްޖެނަމަ އެކަށީގެންވާ ނަތީޖާއެއް ފެންނާނެ ކަންކަން،" ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
މި އެކްޝަން ޕްލޭންގައި ޞިއްޙީ ދާއިރާ، ތަޢުލީމީ ދާއިރާ، މާލީ ދާއިރާ، އިންކްލޫސެބިލިޓީގެ އިތުރުން އެކްސެސް ޓު ޖަސްޓިސް އާ ގުޅޭ އުސޫލުތައް ހިމެނޭކަމަށް އިޖްތިމާޢީ ވުޒާރާއިން ބުނެފައިވެއެވެ. އަދި މި ޕްލޭންގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައިވެސް ކުރިމަތިވަމުންދާ ހުރަސްތައް ދެނެގަނެވި، އެހެން ފަރާތްތަކަށް ބަރޯސާވުން މަދުކޮށް، އަމިއްލައަށް ދިރިއުޅުމެއް ބައްޓަންކުރުމުގެ މަގު ތަނަވަސްވެގެންދާނެކަމަށްވެސް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
މި ޕްލޭނަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިޙްތިޔާޖުތައް ދެނެގަނެ، އެފަރާތްތަކުގެ ހުނަރު ތަރައްޤީކޮށް، މަސައްކަތުގެ ތަޖުރިބާއާއި އިޤްތިޞާދީ މިނިވަންކަމަށް މަގުފަހިކޮށްދޭ ފުރުޞަތުތައް ހޯދައިދިނުމަށްޓަކައި އެކުލަވާލެވޭ ޕްލޭނެކެވެ.
މި ލިޔުން ކިޔާލުމުން