Saturday, October 31
ސިފައިންގެ އަހަރީ ދުވަހުގެ ޕެރޭޑް ބާއްވާ މަގުތަކުގައި ޕާކު ނުކުރުމަށް އަންގައިފި
ސިފައިންގެ އަހަރީ ދުވަހުގެ ޕެރޭޑް ބާއްވާ މަގުތަކުގައި ޕާކު ނުކުރުމަށް އަންގައިފިއެވެ. ފުލުހުން ބުނީ ދިވެހި ސިފައިންގެ އަހަރީ ދުވަހާ ގުޅިގެން މިއަދު ހަވީރު ޕެރޭޑް ބޭއްވުމަށް ހަމަޖެހިފައިވާ ރޫޓުގައި ޕާކް ކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ. އަދި މި ޕެރޭޑް ނިމެންދެން ޕެރޭޑު ކުރިއަށްދާ މަގުތަކުގައި ޕާކު ނުކުރުމަށްވެސް ފުލުހުން ވަނީ އަންގައިފައެވެ. މިގޮތުން ފުލުހުން ވަނީ ޕެރޭޑް ކުރިއަށްދާނެ މަގުތަކުގެ ޗާޓެއްވެސް އާންމުކޮށްފައެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު ދަންނަވައިފައެވެ. ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ މަގުމަތީ ހިނގާލުން މިއަދު ހަވީރު މާލޭގައި އޮންނާނެއެވެ. މި ހިނގާލުން ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ. އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު 16:15 ގައެވެ. މާލޭގެ މައިގަނޑު މަގުތަކުން ކުރިއަށްދާ މި ހިނގާލުމުގައި ފަސް ސަރަހައްދެއްގައި ސިފައިންގެ ލަޝްކަރު މަޑުކޮށް، އަސްކަރީ ބޭންޑުގެ ޚާއްޞަ ޕާފޯމަންސްތައް ހުށަހަޅާނެއެވެ. ލަޝްކަރު ހުއްޓޭ ސަރަހައްދުތަކުގެ ތެރޭގައި އަމީރު އަޙްމަދުމަގު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތި، ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ހަތަރު އަނގޮޅި، މަޖީދީމަގު މިލިއަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާކޮށި ހުޅަނގު އުތުރު ކަންމަތި ހިމެނެއެވެ. މި ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށެވެ. މި ހިނގާލުމުގައި ދިވެހި ސިފައިންގެ އެކިއެކި ދާއިރާތަކާއި ޚިދުމަތްތައް ރައްޔިތުންނަށް ދައްކުވައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޚާއްޞަ ހަރަކާތެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު