އަމާޒަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އިއާދަކުރަނިވި ހަކަތައިގެ ލަނޑުދަނޑިތައް ހާސިލުކުރުން ކަމުގައި ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު، ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ހުވާވޭ ކުންފުނީގެ އިސް ވަފުދަކާއެކު ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިގޮތުން މި ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ ރައްކާތެރިކުރެވިފައިވާ ސަރަޙައްދުތަކުގައި ތިމާވެށި ހިމާޔަތްކުރުމަށް އައު ގޮތްތައް ތަޢާރަފުކުރުމާއި، ފަތުރުވެރިކަމާއި މެހެމާންދާރީ ދާއިރާގެ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މި ބައްދަލުވުމުގައި ހުވާވޭ ކުންފުނީގެ ވަފުދުގެ ފަރާތުން ވިދާޅުވީ، ދިވެހިރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކުގައި އެ ކުންފުނީގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެހީތެރިވުމަށް ތައްޔާރަށް ތިބި ކަމަށާއި، އަދި ޚާއްޞަކޮށް ތިމާވެށި ރައްކާތެރިކުރުމާއި، އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ދާއިރާގައި އެ ކުންފުނީގެ ތަޖުރިބާ ހިއްސާކުރުމަށް ޝައުޤުވެރިކަން އެ ވަފުދުން ވަނީ ފާޅުކޮށްފައެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާއި، އިއާދަކުރަނިވި ހަކަތައިގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ދެފަރާތުން ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތުތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވާއިރު، ކުރިއަށް އޮތް ތަނުގައި އިތުރަށް މަޝްވަރާކޮށް، ވަކި މަޝްރޫޢުތަކެއްގެ މައްޗަށް އެއްބަސްވުންތަކެއް އެކުލަވާލުމަށް ދެ ފަރާތުންވެސް ވަނީ އެއްބަސްވެފައެވެ.
މި ލިޔުން ކިޔާލުމުން