މިދިޔަ އަހަރުން ފެށިގެން މިއަހަރުގެ މާރޗް މަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި 492 މީހުން ދުންފަތާ ދުރުވުމަށް ފަރުވާ ހޯދާފައިވާކަމަށް ސިއްހީ ވުޒާރާއިން ހާމަކޮށްފިއެވެ.
ސިއްހީ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މި ފަރުވާ ހޯދި މީހުންގެ ތެރެއިން އެންމެ ގިނަ 288 މީހުން ފަރުވާ ހޯދާފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުންނެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުން 110 މީހުންނާއި، ދަމަނަވެށިން 74 މީހުން އަދި އޭޑީކޭ ހޮސްޕިޓަލުން 20 މީހުން ވަނީ މި ފަރުވާ ހޯދާފައެވެ.
ދުންފަތުން ދުރުވުމަށް ބޭނުންވާ ފަރާތްތަކަށް މި ފަރުވާ ލިބޭނެ އިންތިޒާމު މާލޭގެ ތިން ހޮސްޕިޓަލަކާއި ދަމަނަވެށިން ހަމަޖެހިފައިވާއިރު، އަތޮޅުތެރޭގެ 48 ތަނަކުން މި ޚިދުމަތް ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި މި ފަރުވާގެ ޚަރަދު އާސަންދައިން ލިބޭނެ ގޮތްވެސް ވަނީ ހަމަޖެހިފައެވެ.
ދުންފަތުގެ އިސްތިއުމާލު މަދުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނާއި އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް އިސްލާހު ގެނެސް، ވޭޕްކުރަން ބޭނުންކުރާ އިލެކްޓްރޯނިކް ވަސީލަތްތަކުގެ އިމްޕޯޓް ޑިއުޓީއަށް ބޮޑެތި ބަދަލުތަކެއް ގެނައުން ހިމެނެއެވެ.
މީގެއިތުރުން، 2007 އިން ފެށިގެން އުފަންވާ ކުދިންނަށް ސިނގިރެޓު މަނާކުރުމަށް 'ޖެނެރޭޝަނަލް ބޭން' އެއް ތަންފީޒުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުގެ ދަށުން ދުންފަތުގެ ބާވަތެއް ރާއްޖޭގައި އުފެއްދުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
މި ލިޔުން ކިޔާލުމުން