ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ގުޅިގެން މި އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށްއެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އަޟްޙާ ޢީދު ފާހަގަކުރާނެ ރަށެއް ކަނޑައަޅާނީ، "ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރާ ރަށްތައް ކަނޑައެޅުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު" އާ އެއްގޮތަށް އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ރަށެއް ކަމަށެވެ.
އަދި އެ ވުޒާރާގެ ފަރާތުން މި އަހަރު އަޟްޙާ ޢީދު ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ތިން ރަށެއްގައި ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.
އެހެންކަމުން، އެ ވުޒާރާއާ ގުޅިގެން މިއަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ބޭނުންފުޅުވާނަމަ އެކަމަށް ބޭނުންވާ ޕްރޮޕޯސަލް ތައްޔާރު ކުރެއްވުމަށްފަހު 1 މޭ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި ވުޒާރާއަށް ޕްރޮޕޯސަލް އީމެއިލް ކުރުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.
އެ ވުޒާރާއިން ބުނެފައިވާ ގޮތުގައި މިކަމުގެ ވިލަރެސްވެރިއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އެ ވުޒާރާގެ އިވެންޓްސް އެންޑް އައުޓްރީޗު ސެކްޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ޢައްބާސް މުޙައްމަދެވެ.
މި ލިޔުން ކިޔާލުމުން