Monday, November 2
ކުޅުދުއްފުށީ ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ކުޅުދުއްފުށި ސިޓީގެ ބޮޑު މުޙައްމަދު ކަލޭފާނު ބަނދަރުގައި ސީސީޓީވީ ކެމެރާ ސިސްޓަމެއް ޤާއިމްކުރުމަށްޓަކައި ކުޅުދުއްފުށި ސިޓީ ކައުންސިލާއި ދިވެހި ފުލުހުންގެ ޚިދުމަތާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުގައި ބޭއްވުނު ރަސްމިއްޔާތުގައި، ފުލުހުންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އަޕަރ ނޯތު ޕޮލިސް ކޮމާންޑަރު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ޒުހުރީއެވެ. އަދި ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު އަޙްމަދު އާޠިފެވެ.

ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫޢަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޔޫއެންއޯޑީސީ ގުޅިގެން ރާއްޖޭގެ ރަށްރަށުގެ ބަނދަރުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

މި މަޝްރޫޢު ކުރިއަށްގެންދާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާއި، ފުރަތަމަ ފިޔަވަހީގައި ކުޅުދުއްފުށި ސިޓީގެ ބޮޑު މުޙައްމަދު ކަލޭފާނު ބަނދަރުގައި ކެމެރާތައް ހަރުކުރެވޭނެ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި ކެމެރާ ސިސްޓަމްގެ ކޮންޓްރޯލް އަދި ސާވަރ ޤާއިމްކުރެވޭނީ ކުޅުދުއްފުށި ސިޓީ ޕޮލިސް ސްޓޭޝަނުގައި ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މި ސީސީޓީވީ ކެމެރާ ސިސްޓަމް ޤާއިމްކުރުމުން ބަނދަރު ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެ، ކުށްކުރުން މަދުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު