Monday, November 2
ހުޅުމާލޭގައި ބޮޑުކަންނެލި ފެކްޓްރީއެއް އެޅުމަށް ބިމާއި ބަޖެޓު ވެސް އޮތީ ހަމަޖެހިފައި: ރައީސް

ހުޅުމާލޭގައި ބޮޑުކަންނެލި ޕްރޮސެސްކުރުމަށް ބޮޑު ފެސިލިޓީއެއް އެޅުމަށް 25،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައި، އެ މަޝްރޫޢުގެ ބަޖެޓުވެސް މިހާރު ވަނީ ހަމަޖެހިފައިކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ހަތަރުވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. "ހުޅުމާލޭގައި ބޮޑުކަންނެލި ޕްރޮސެސް ކުރުމަށް ފެސިލިޓީއެއް ޤާއިމުކުރުމަށް މިހާރު ފައިނޭންސް ހަމަޖެހިފައި އެއޮތީ. އިރާދަކުރެއްވިއްޔާ އެތާނގައި ބޮޑުކަންނެލި ފެކްޓްރީއެއް އެޅިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

މި ފެސިލިޓީގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށޭނެކަމަށް މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ. އަދި މި ފެކްޓްރީ އެޅުމުން ކަންނެލި މަސްވެރިންނަށް ދިމާވެފައިވާ މައިގަނޑު ދެ ގޮންޖެހުމަށް ހައްލު ލިބިގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.

ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި، މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ކަޅުބިލަމަސް ރައްކާކުރުމުގެ ޤާބިލުކަން މިހާރު ހުރި 8,500 ޓަނުން 25,000 ޓަނަށް އިތުރުކުރެވޭނެއެވެ. އަދި ޕްރޮސެސިންގ ކެޕޭސިޓީ މިހާރު ހުރި 115 ޓަނުން 355 ޓަނަށް އިތުރުކުރެވޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި މަޝްރޫޢުތަކަކީ ކަންބޮޑުވުމެއްނެތި ކުރިއަށްދާނެ މިންވަރަށް އިންތިޒާމުތައް ހަމަޖެހިފައިވާ މަޝްރޫޢުތަކެއްކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު