Monday, November 2
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ފަގީރު ހާލަތުގައި އުޅޭ މީހުންނަށް ވަޒީފާ ހޯދައިދެނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް އާމްދަނީ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި 'ހާލު ކިހިނެއް؟' ޕްރޮގްރާމްގެ ދަށުން ދެނެގަނެވޭ ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދެވޭނެއެވެ. މި މަސައްކަތުގައި އެންމެ އިސްކަމެއް ދެވޭނީ ވަޒީފާ ދެވޭ ފަރާތްތަކަށް އެކަށީގެންވާ މާހައުލެއް ޤާއިމުކޮށްދިނުމަށެވެ.

ދެ މުއައްސަސާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ވަޒީފާ ދިނުމުގައި ވަކި މިންގަނޑުތަކެއް ގެންގުޅޭނެއެވެ. މީގެ ތެރޭގައި ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި، އެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު ބެލުން ހިމެނެއެވެ.

މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ޢާއިލާތަކުގެ ފުދުންތެރިކަން އިތުރުކޮށް، އެހެން ފަރާތްތަކަށް ބަރޯސާވުން ކުޑަކުރުމެވެ. މި މަސައްކަތުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލަ މަސައްކަތުން ކުރިއަށްދެވޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށް ބެލެވެއެވެ.

ދެ މުއައްސަސާއިން ފާހަގަކުރައްވާ ގޮތުގައި މި ފަހުމުނާމާގެ ދަށުން ކުރެވޭ މަސައްކަތްތަކަކީ ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދި މި މަސައްކަތުން އަބުރުވެރި އަދި އުފާވެރި ޢާއިލާތަކެއް ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު