ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ، މެއި މަހުގެ 3 ވަނަ ދުވަހު، ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށާއި، މި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނާ ކޮންމެ ކަހަލަ ސުވާލެއްވެސް ކުރެވޭނެ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިގޮތުން "ރައްޔިތުންނާއެކު" ޕޮޑްކާސްޓުގައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މަޢުލޫމާތު ހިއްސާކުރެއްވުމަކީ ޚާއްޞަ އިސްކަމެއް ދެއްވާކަމެއް ކަމަށާއި، މާތް ﷲ ގެ އިރާދަފުޅާއެކު އަންނަ މޭ މަހުގެ 3 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އަދި މި ނޫސް ކޮންފަރެންސްގައި ކޮންމެ ކަހަލަ ސުވާލެއްވެސް ކުރިމަތިކުރެއްވިދާނެ ކަމުގައި ވިދާޅުވެ، މިހާރުން ފަށައިގެން އެކަމަށް ތައްޔާރުވެވަޑައިގެންނެވުމަށް އެމަނިކުފާނު ވަނީ ނޫސްވެރިންނަށް ދަޢުވަތު ދެއްވާފައެވެ.
މީގެ އިތުރުން ޓީވީ ސްޓޭޝަނަކުން ދަޢުވަތު ދެއްވައިފިނަމަ، އެ ސްޓޭޝަނަކުން ކުރިއަށް ގެންދަވާ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، ސުވާލުތަކަށް ޖަވާބުދެއްވުމަށްވެސް އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
ހުރިހާވެސް އަމާޒަކީ ނަތީޖާ ނެރެދެއްވުން ކަމަށާއި، އެހެންކަމުން ގިނަ ވަގުތު ހޭދަކުރައްވަނީ މަސައްކަތުގެ ތެރޭގައި ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް، ވަގުތު ލިބިވަޑައިގެންނެވި މިންވަރަކުން، މަޢުލޫމާތު ޙިއްޞާ ކުރެއްވުމާ ގުޅުން ހުރި ކަންކަމަށް ވަގުތު ހުސްކުރައްވާނެ ކަމަށާ، ކުރިއަށް އޮތްތަނުގައި ސީދާ ނޫސްވެރިންނަށްވެސް ވަގުތު ދެއްވާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ ކަމެކެވެ.
އެގޮތުން ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާ ޖެނެރޭޝަނަލް ބޭންއާ މެދު އާންމުންގެ ޚިޔާލު ހޯއްދެވުމަށް، އެ މަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ޕޯލެއް ހުޅުއްވާލެއްވިއެވެ. މިއީ ރެކޯޑްކުރެވިފައިވާ ރާއްޖޭގެ ވޭތުވެދިޔަ ތާރީޚުގައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނެވި ބޭފުޅަކު، ދައުރުގެ ތެރޭގައި އާންމުންގެ ޚިޔާލު ހޯއްދެއްވުމަށް މީސް މީޑިއާގެ މަންސައެއްގެ ބޭނުން ހިއްޕެވި ފުރަތަމަ ފަހަރެވެ.
"ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ މިއަދުގެ އެޕިސޯޑްގައި ރައީސް ވަނީ، ޕޯލްގައި ރައްޔިތުން ނިންމެވި ނިންމެވުމަށް އިޙްތިރާމް ކުރައްވާ ކަމަށާއި، ނަމަވެސް ދެ ވަނައަށް އެންމެ ގިނަ ބަޔަކު ޚިޔާރުކުރެއްވި އިޚްތިޔާރާ އެއްގޮތަށް ޖެނެރޭޝަނަލް ބޭން ކަނޑައެޅުއްވީ ރަނގަޅު ނަތީޖާއެއް ނެރެވެން އޮތް ގޮތަކީ އެ ގޮތް ކަމުގައި ވާތީ ކަމަށް ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން