Friday, November 13
އަރިޔަދޫ ގެ ހާލަތުބަލައި އެސްސެސްކުރަން ފަށައިފި

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާގެ ޓީމަކާއިއެކު، ވަޒީރު ޑރ. މަރްޔަމް މާރިޔާ އދ. އަރިޔަދޫ އަށް ޒިޔާރަތް ކުރައްވައިފިއެވެ.

މި ޒިޔާރަތަކީ ދިވެހިރާއްޖޭގެ ރުއް އާލާ ކުރުމުގެ ޤައުމީ ޕްރޮގްރާމަށް ރުކުގެ ނާސަރީތައް ޤާއިމުކުރުމަށާއި، ރިސާރޗްތައް ހެދުމަށާއި ފުޑްސެކިއުރިޓީ އަށް ބޭނުންވާ ގަސްގަހާގެހި އާލާކުރުމަށް، ސަރުކާރުން އދ. އަރިޔަދޫ މިވުޒާރާއަށް ކަނޑައެޅުމާއި ގުޅިގެން އެ ރަށުގައި މަސައްކަތްތައް ފެއްޓުމަށްޓަކައި ރަށުގެ ހާލަތުބަލައި އެސްސެސްކުރުމަށް ކުރެއްވި ޒިޔާރަތެކެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާ އިން ބުނީ މިހާރަކަށް އައިސް ރާއްޖޭގެ ރުއްތަކަށް ބަލިތަކައްޖެހި މަރުވަމުން ދިއުމާއި ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކާށި، ލިބުންވަނީ ވަރަށް ބޮޑަށް ދަތިވެފައިވާކަމަށެވެ. އެހެންކަމުން ފާއިތުވި 2 އަހަރުން ފެށިގެން ރާއްޖޭއިން ބޭރުން ކާށި ރާއްޖެ އެތެރެކުރަންވަނީ ޖެހިފައެވެ. މިހެންވުމުގެ ސަބަބުން އެތަކެތީގެ އަގުތައްވެސް އެއްދުވަހުން އަނެއްދުވަހަށް އަންނަނީ ބޮޑުވަމުންނެވެ.

އަރިޔަދޫގައި "ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރ" އެއް ގާއިމު ކުރުމުގެ މަސައްކަތް ފެށާއިރު، މާމިގިލި ކައުންސިލްގެ ފަރާތުން އެ މަސައްކަތަށް ވެދެއްވޭނެ އެހީތަކާއި، ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާއި ގުޅޭގޮތުން އިއްޔެ އެ ކައުންސިލާއި ބައްދަލުކުރައްވައި، ވަނީ މަޝްވަރާކުރައްވާފައެވެ.

ރާއްޖެއަށް ދިމާވެފައިވާ ކާށިގެ ދަތިކަން ފިއްލެވުމާއި، ރާއްޖެގައި ކާނާގެ ޔަޤީކަން އިތުރުކުރެއްވުމުގެ ގޮތުން 2025 މާރިޗް 9 ވީ އާދީއްތަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިންވަނީ އދ. އަރިޔަދޫ، "ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރ" އެއް ގާއިމުކޮށް ދިވެހިރާއްޖޭގައި ހެދޭ، އަދި ހައްދަން ބޭނުންވާ މަތިވަރާއި، ފެންވަރު ރަނގަޅު (ޖެނެޓިކަލީ އިމްޕްރޫވްޑް) ރުކުގެ ނާސަރީތަކެއް ގާއިމުކޮށް ރުކުގެ ސެޓިފައިޑް ތަފާތު މުޑުވައްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަށްތަކަށް ފޯރު ކޮށްދިނުމުގެ މަސައްކަތް ކުރެއްވުމަށް މި ވުޒާރާ އާއި ހަވާލުކުރައްވާފައެވެ.

މީގެ އިތުރުން އަރިޔަދޫގައި ހޭޅިފަށުގައި ހެދޭ ގަސްގަހާއިގެހި އާލާ ކުރުމަށާއި، ކާނާގެ ޔަގީންކަން ގާއިމުކުރުމަށްޓަކައި، ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ތަފާތު މުޑުވައްތައްވެސް އެރަށުގައި އުފެއްދުމަށް ވަނީ ނިންމަވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު