ވަގުތީ ޖަލު އެޅުމަށް ހުޅުމާލޭ ޖަލާއި އިންވެގެން އޮތް ހުސް ބިން ހަމަޖައްސައިފިއެވެ.
މިނިސްޓަރ އޮފް ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން ވިދާޅުވީ، ހުޅުމާލޭ ޖަލާއި އިންވެގެން އޮތް ބިމާމެދު ގޮތެއް ނިންމުމަށް މާލެ ސިޓީ ކައުންސިލާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީ އަދި ކަރެކްޝަންސާއެކު މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި މިމަޝްވަރާތަކަށް ފަހު ވަގުތީ ގޮތުން ޖަލެއް އެޅުމަށް އެތަން ކަރެކްޝަންސަށް ދޫކުރުމާއި ގުޅޭގޮތުން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.
އުތުރު ތިލަފަޅުގައި ތަރައްޤީކުރާ ސެންޓްރަލް ޖަލުގެ މަސައްކަތް ނިންމުމަށް ގާތްގަނޑަކަށް 3 އަހަރު ނަގާނެ ކަމަށް ލަފާކުރެވޭތީ މިހާރު ޖަލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ވަގުތީ ޖަލެއް އެޅުމަށްޓަކައި މިބިން ހަމަޖެއްސީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހުރިހާ ޖަލުތަކެއް އެއްކޮށްލައި ސެންޓްރަލް ޖަލެއް ހެދުމަށް ނިންމާފައިވާ ކަމަށާއި އެއާއެކު ބޮލަކަށް ޖެހޭ ޚަރަދު ކުޑަކުރެވޭނެ ކަމަށް ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ޖަލު ހިންގުމަށް މަހެއްގެ މައްޗަށް ބޮލަކަށް 27000 ރުފިޔާ ޚަރަދުވާ ކަމަށާއި މިކަން ހައްލުކުރުމަށް ދިރާސާކޮށް ސެންޓްރަލް ޖަލެއް ޤާއިމުކުރުމަށް ނިންމަވާފައިވާކަން ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ސެންޓްރަލް ޖަލެއް ހެދިނަމަވެސް، އެކި ކަހަލަ ކުށްތަކުގައި ތިބި ގައިދީން ބެލެހެއްޓުމުގެ ކަންކަން މިހާރެކޭ އެއްގޮތަށް ވަކިކޮށް ބަލަހައްޓަމުންދާނެއެވެ.
ވަޒީރު ވިދާޅުވީ، މި ޖަލު ވެގެންދާނީ ބައިނަލްއަޤްވާމީ ފެންވަރުގެ ޒަމާނީ ފަރުވާއާއި ރިހެބިޓޭޝަން ފަރުވާ ގައިދީންނަށް ދެވޭނެގޮތަށް ފަރުމާކުރާ ތަނަކަށް ކަމަށެވެ.
ގައިދީން ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ވިސްނުންފުޅަކީ، މިހާރު އެކި ރަށްރަށުގައި ވަކިވަކިން ހިންގަމުން އަންނަ ޖަލުތައް އެއްކޮށްލާ، މައި އެއް ޖަލަކުން ހުރިހާ ޚިދުމަތްތައް ދެވޭނެ ގޮތަށް ނިޒާމު ބައްޓަންކުރެއްވުމެވެ.
މި ލިޔުން ކިޔާލުމުން