އ.ދ. ގެ ޓޫރިޒަމް ކޮމިޝަން ފޮރ ސައުތު އޭޝިއާގެ 2025-2027 ގެ ދައުރުގެ ޗެއަރކަމަށް ރާއްޖެ ޢައްޔަންކޮށްފިއެވެ.
މި ޝަފަރު ރާއްޖެއަށް ލިބިފައިވަނީ ދުނިޔޭގެ ފަތުރުވެރިކަމާއި ބެހޭ ޖަމްޢިއްޔާގެ 37 ވަނަ ޖޮއިންޓް މީޓިންގް އޮފް ޔޫ.އެން. ޓޫރިޒަމް ކޮމިޝަން ފޮރ އީސްޓް އޭޝިއާ އެންޑް ދި ޕެސިފިކް އެންޑް ދި ޔޫ.އެން. ޓޫރިޒަމް ކޮމިޝަން ފޮރ ސައުތު އޭޝިއާ، އަދި 60 ވަނަ ޓޫރިޒަމް ކޮމިޝަން ފޮރ ސައުތު އޭޝިއާ ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޑރ. އަބްދު ﷲ ނިޔާޒު ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަކަށްށާއި ކުރިއަށް ރޭވިފައިވާ މަސައްކަތްތަކާއި ޕްލޭންތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން، ދުނިޔޭގެ ފަތުރުވެރިކަމަށް އަންނަމުންދާ އަވަސް ބަދަލުތަކަށް ރިއާޔަތްކޮށް، ފަތުރުވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްކަން ދެއްވާކަން ޑރ. ނިޔާޒް ފާހަގަކުރެއްވިއެވެ.
އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރިކަން ތަރައްގީކޮށް، މި ސިނާއަތުގެ ފައިދާ ރަށުގެ އިގުތިސާދާއި ރައްޔިތުންނަށް ފޯރުކޮށްދީ، ފަތުރުވެރިންނަށް ރާއްޖޭގެ ސަގާފަތާއި ތަރިކަ ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކުރުމަށް ކުރެވެމުންދާ މަސައްކަތްތައް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާއަތުގައި ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް ޑރ. ނިޔާޒު ވަނީ އަލިއަޅުވާލައްވާފައެވެ.
ފާއިތުވި 2024 ވަނަ އަހަރު ދެ މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށް، ދެކުނު އޭޝިއާ ސަރަޙައްދުގައި ފަތުރުވެރިކަމުގެ ދާއިރާއަށް އެންމެ ރަނގަޅު ކުރިއެރުން ލިބިފައިވާ އެއް ގައުމަށް ދިވެހިރާއްޖެ ވެފައިވުމުން، މި ހިނގާ 2025 ވަނަ އަހަރު 2.3 މިލިއަން ފަތުރުވެރިންނަށް މަރުޙަބާކިޔުމަށް ދިވެހިރާއްޖެއިން އަމާޒުކުރާކަންވެސް ޑރ. ނިޔާޒު ފާހަގަ ކުރެއްވިއެވެ.
އެޕްރީލް 15 ވަނަ ދުވަހު އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ފެށި މި ބައްދަލުވުންތަކުގެ ތެރެއިން، 37 ވަނަ ޖޮއިންޓް މީޓިންގެ ކޯ-ޗެއަރ ކަމާއި 60 ވަނަ ސީ.އެސް.އޭ ބައްދަލުވުމުގެ ޗެއަރކަން ރާއްޖެއިން ވަނީ އަދާކޮށްފައެވެ.
މި ލިޔުން ކިޔާލުމުން