Friday, November 13
ރައީސްގެ ދަރިކަލުންނަށް ނިސްބަތްކޮށް ދެއްކި ވާހަކައާ ގުޅިގެން ސިވިލް ކޯޓާއި ފެމިލީ ކޯޓަށް މައްސަލަ ހުށަހަޅައިފި
ރައީސްގެ ދަރިކަލުންނަށް ނިސްބަތްކޮށް ދެއްކި ވާހަކައާ ގުޅިގެން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާރޓީ އަދި މަރިޔަމް ޒުބެއިރުގެ މައްޗަށް ސިވިލް ކޯޓާއި ފެމެލީ ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ. ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ގެ ފަރާތުން ހުށަހެޅި މައްސަލައިގެ ތަފްޞީލް، ޤާނޫނީ ޓީމުން މިއަދު ވަނީ އާއްމުކޮށްފައެވެ.  މެޑަމް ސާޖިދާގެ ޤާނޫނީ ވަކީލުންގެ ފަރާތްޕުޅުން "ރެހެންދި ޗެމްބާސް" އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ޙައްގު ނިގުޅައި ގެންފައިވާތީ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ މަރިޔަމް ޒުބެއިރު ގެ މައްޗަށް އެއް މައްސަލައެވެ. މީގެ އިތުރުން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ ( އެމްޑީޕީ ) އަދި އެ ޕާޓީގެ ޗެއަރ ޕާރސަން އަލްއުސްތާޛު ފައްޔާޒު އިބްރާހީމް ގެ މައްޗަށްވެސް ވަނީ އެއް މައްސަލަ ހުށަހަޅާފައެވެ. މީގެ އިތުރުންވެސް  މަރިޔަމް ޒުބެއިރު،  މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ ( އެމްޑީޕީ ) އަދި އެ ޕާޓީގެ ޗެއަރ ޕާރސަން އަލްއުސްތާޛު ފައްޔާޒު އިބްރާހީމް ގެ މައްޗަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމާއި ބެހޭ ބައިނަލްއަޤްވާމީ މުއާހަދާ އިން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާތީ ފެމެލީ ކޯޓަށް ވަނީ މައްސަލަ ހުުށަހަޅާފައެވެ. މި މައްސަލަތައް ހުށަހަޅާފައިވަނީ ޤާނޫނު އަސާސީއާއި ގާނޫނުތަކުން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަމުގެ ހައްގު، ސިޔާސީ ދެކޮޅުވެރިކަމާއި ވާދަވެރިކަމުގެ ތެރެއިންވިޔަސް ނިގުޅައި ނުގަނެވޭނެކަން ކަށަވަރުކޮށް، އެކުދިންގެ ތަޢުލީމަށާއި މުސްތަގުބަލް އަދި ނަފްސު، ގަނާ ކުރުމާއި ފުރައްސާރަކުރުމާއި އަދި ނުރައްކަލުގެ ތެރެއަށް ހުށަހެޅުމަށް ކުރެވޭނެ މަސައްކަތްތަކުން ސަލާމަތްކޮށް ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޤްބަދުގައި ކަމަށް ޤާނޫނީ ޓީމުން ބުނެއެވެ. މީގެ އިތުރުން އެކަމަނާގެ ބޭފުޅުންނަށް ރާއްކާތެރިކަން ހޯދުމަށް މަންމައެއްގެ ހައިސިއްޔަތުންނާއި މާދަމާ އެމަޤާމުގައި ތިބެދާނޭ ކުދިންނަށް ރައްކާތެރިކަން ޔަޤީންވެފައި އޮތުމަކީ ކޮންމެހެން ބޭނުންވާކަމެއް ކަމުގައި ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ދެކެވަޑައިގަންނަވާތީ ކަމަށް ޤާނޫނީ ވަކީލުންގެ ފަރާތުން އަލްއުސްތާޛާ އާޒިމާ ޝުކުރު ވިދާޅުވިއެވެ. އެމްޑީޕީން ކުރިއަށްގެންދިޔަ މުޒަހަރާއެއްގެ ތެރެއިން އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ)، ރައީސްގެ ދަރިކަލުންނަށް ނިސްބަތްކޮށް ދެއްކި ޙަޤީޤަތާ ޚިލާފު ވާހަކަތަކަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ އިތުރުން ގިނަ ފަރާތްތަކަކުން ވަނީ އެކަން ކުށްވެރިކޮށް، އެ މައްސަލަ ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު