Saturday, October 31
14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތަހުގީގު ކުރިއަށްދާކަމަށް ފުލުހުން ބުނެފި

14 އަހަރުގެ ކުއްޖަކަށް ފޯނުން ބަރަހަނާ ފޮޓޯއާއި ވީޑިއޯ އަދި ޖިންސީ ގުނަވަން ދެއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގު މިހާރުވެސް ކުރިއަށްދާ ކަމަށް ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ.

ފުލުހުންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި މައްސަލަ ވަނީ 2022 ވަނަ އަހަރުގެ ޖެނުއަރީ 22 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައެވެ. މި މައްސަލަ ހިނގާފައިވަނީ ސައުތު ސެންޓްރަލް ޕޮލިސް (މ، ފ، ދ، ތ، ލ) ގައި ހިމެނޭ ރަށެއްގައެވެ.

މި މައްސަލައިގެ ތަހުގީގުގައި، މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ފޮރެންސިކް ތަހުލީލުތައް ކޮށް އަދި 6 މީހެއްގެ ބަޔާނާއި ހެކިބަސް އަދި 2 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

"މަތީގައި ދެންނެވުނު ތަހުލީލުންނާއި ބަޔާންތަކުން، ކުއްޖާ ބުނާ ބުނުން ފިޔަވައި، މައްސަލައާ ގުޅުންހުރި އަދި ކުރާ ތުހުމަތަށް ބާރުލިބޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ލިބިފައި ނުވޭ،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، ތުހުމަތުކުރެވޭ މީހާ ކުއްޖާގެ ފޯނަށް ފޮނުވާފައިވާ ކަމަށް ބުނާ މެސެޖްތަކާއި މައްސަލައާ ގުޅުންހުރި އެއްވެސް އެއްޗެއް އެ ކުއްޖާގެ ފޯނުގެ ފޮރެންސިކް ތަހުލީލުތަކުންވެސް ފެނިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ތަހުގީގުކޮށް 2022 އޭޕްރިލް 22 ވަނަ ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޝްވަރާއަށް ފޮނުވުމުން، ބައެއް އިސްލާހުތައް ގެނައުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން އެދިފައިވެއެވެ. މި އިސްލާހުތައް ގެނައުމުގައި މައްސަލަ ހުށަހަޅާ ފަރާތުން އެއްބާރުލުން ލިބިފައިނުވާތީ މައްސަލަ މިހާތަނަށް ވަނީ ނުނިމި ކަމަށް ފުލުހުން ބުނެއެވެ.

"މި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް ކުރެވެންހުރި މަސައްކަތްތައް ފުލުހުން ދަނީ ކީ ކުރަމުން،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުނުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު