ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ އެހީތެރިކަމާއި އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ދައުލަތުގެ މުއައްސަސާތަކުން އިހުމާލުވެފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމެވެ.
މި މައްސަލަ ބަލައިގަތުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި 44 މެންބަރުން ވޯޓު ދެއްވީ މައްސަލަ ބޭރުކޮށްލުމަށެވެ. އަދި މައްސަލަ ބަލައިގަނެ ބަހުސްކުރަން ވޯޓު ދެއްވީ 12 މެންބަރެކެވެ.
މި މައްސަލައިގައި ބުނެފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައާއި ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދައުލަތުން ފޯރުކޮށްދިނުމަށް ޤާނޫނުތަކުން ލާޒިމުކުރާ ޚާއްޞަ ރައްކާތެރިކަމާއި މާލީ އެހީ އަދި ބޭސްފަރުވާ ފޯރުކޮށްދިނުމުގައި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އިހުމާލުވެފައިވާ ކަމަށެވެ.
އެގޮތުން 2019 ވަނަ އަހަރުގެ ތެރޭގައި ތެރަޕިއުޓިކް ޚިދުމަތްތައް ސަރުކާރުގެ އެހީގައި ހިލޭ ލިބޭނެ ޚިދުމަތް ތަޢާރަފްކޮށްފައިވާއިރު، ފާއިތުވި އެއް އަހަރު ދުވަހުގެ މުއްދަތުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭންޖެހޭ ތެރަޕީ ފީ ސަރުކާރުން އަދާކުރަމުން ނުދިއުމުގެ ސަބަބުން، ތެރަޕީ ނެގުމަށް ދައްކަންޖެހޭ ފައިސާ، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ޢާއިލާތަކުގެ އަމިއްލަ ފައިސާއިން ޚަރަދުކުރަން ޖެހިފައިވާ ކަމުގެ ޝަކުވާ އިތުރުވަމުންދާ ކަމަށް މައްސަލައިގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ތެރަޕީ ސެންޓަރުތަކުގައި ކިޔޫ ދިގުވުމާއި، ތެރަޕީގެ އަގު ބޮޑުވަމުންދިއުމާއި، އެކަށީގެންވާ އަދަދަކަށް ތެރަޕިސްޓުން ނެތުމުގެ ސަބަބުން ތެރަޕީގެ ފަރުވާ ބޭނުންވާ ކުދިންނަށް، ކޮންމެހެން ބޭނުންވާ ފަރުވާއިން މަހުރޫމްވަމުންދާކަމާމެދު ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ޢާއިލާތަކުން ކަންބޮޑުވާ ކަމަށްވެސް މައްސަލައިގައި ވިދާޅުވެފައިވެއެވެ.
އަދި އޯޓިޒަމާއި އޭޑީއެޗްޑީ ފަދަ ޚާއްޞަ ހާލަތްތައް މެދުވެރިވެފައިވާ ކުދިންނަށް ކޮންމެހެން ބޭނުންވާ ބޭހާއި، ޞިއްޙީ އެކި އެކި އާލާތްތައް ރާއްޖޭގެ ބޭސްފިހާރަތަކުން ނުލިބުމުގެ ސަބަބުންވެސް ޢާއިލާތަކަށް ތަކުލީފުތައް ތަހައްމަލް ކުރަންޖެހިފައިވާކަން މި މައްސަލައިގައި ފާހަގަކުރައްވާފައިވެއެވެ.
މި ލިޔުން ކިޔާލުމުން