ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ތުރުކީވިލާތަކުގައި ޤާއިމްކުރާ ދިވެހިރާއްޖޭގެ އެމްބަސީ ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވައިފިއެވެ.
މިގޮތުން ވަޒީރު ޑރ. ޚަލީލާއި، ތުރުކީވިލާތުގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް، މެހްމެޓް ނޫރީ އެރްސޯއީ އަދި ދިވެހިރާއްޖެއިން ތުރުކީވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ލިއުޓަނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އިސްވެ ތިއްބަވައިގެން ވަނީ އެމްބަސީގެ ދިދަ ނަންގަވައި ދެއްވައިފައެވެ.
މި ރަސްމިއްޔާތުގައި ރާއްޖެ-ތުރުކީ އިންޓަރޕާލަމަންޓަރީ ފްރެންޑްޝިޕް ގްރޫޕްގެ ޗެއަރޕަރސަނާއި، ތުރުކީވިލާތުގެ ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލުންނާއި، ވިޔަފާރިވެރިންނާއި، އެ ޤައުމުގެ ނޫސްތަކުންނާއި، އެމްބަސީގެ މުވައްޒަފުން އަދި އަންކާރާގައި އުޅޭ ބައެއް ދިވެހީންވެސް ވަނީ ބައިވެރިވެފައެވެ.
ތުރުކީގައި ރާއްޖޭގައި އެމްބަސީއެއް ހުޅުވިގެންދިއުމަކީ ރާއްޖެއާއި ތުރުކީއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ލިބުނު ތާރީޚީ ކާމިޔާބީއެކެވެ.
ޚާރިޖީ ވުޒާރާއިން ބުނީ އަލަށް ހުޅުވި އެމްބަސީން ރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޒްކުރުމުގައި އެހީތެރިވެދީ، ތުރުކީގައި ދިރިއުޅޭ ދިވެހީންނަށް ކޮންސިއުލަރ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެހީތެރިވާނެ ކަމަށެވެ. އަދި ދެ ޤައުމުގެ މެދުގައި އެއްބާރުލުން ދިނުމަށް އައު ފުރުޞަތުތައް ހޯދުމުގެ މަންސައެއްގެ ގޮތުގައި ވެސް އެމްބަސީ ވެގެންދާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޚަލީލް ވަނީ ތުރކީގައި އެމްބަސީ ޤާއިމްކުރުމުގެ މުހިންމު ކަމަށް އަލިއަޅުއްވާލައްވައި، މިއީ ދެ ޤައުމުގެ ގުޅުން ހަރުދަނާވެގެންދާކަމުގެ ހެއްކެއް ކަމުގައި ވިދާޅުވެފައެވެ. ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ދެ ޤައުމުގެ އެއްބާރުލުން އިތުރުކުރުމާއި، އިޤުތިޞާދީ ކުރިއެރުމަށާއި، ސަގާފީ އަދި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ކުރިއެރުވުމުގައިވެސް އެމްބަސީން ވަރަށް މުހިންމު ދައުރެއް އަދާކުރާނެއެވެ.
މި ރަސްމިއްޔާތުގައި ތުރުކީގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އިޙްތިރާމާއި އިޚްލާޞްތެރިކަމުގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ އެކުވެރިކަމުގެ ގުޅުމަށް އަލިއަޅުއްވާލައްވާފައިވެއެވެ. އަދި ފަތުރުވެރިކަމުން ފެށިގެން ސަގާފަތާ ހަމައަށް، އިޤުތިޞާދުން ފެށިގެން ތަޢުލީމީ ދާއިރާއާ ހަމައަށް ގިނަ ދާއިރާތަކުން ދެ ޤައުމުގެ ގުޅުންތައް ތަރައްޤީވެ ބަދަހިވެފައިވާކަންވެސް ވަޒީރު އެރްސޯއީ ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވަޒީރު ޑރ. ޚަލީލްގެ އަރިހުގައި ސެކްރެޓަރީ، ޑރ.ހާލާ ހަމީދާއި، ސީނިއަރ އަންޑަރ ސެކްރެޓަރީ، ހަސަން ހުސައިން ޝިހާބުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ލިޔުން ކިޔާލުމުން