މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު، ހިޒް އެކްސެލެންސީ ޢަބްދުﷲ އަޙްމަދު ބަދަވީ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
މިގޮތުން މެލޭޝިއާގެ ބޮޑުވަޒީރު، ހިޒް އެކްސެލެންސީ އަންވަރު އިބްރާހީމަށް ރައީސް ފޮނުއްވި މެސެޖުގައި ވަނީ، މަރުޙޫމް ޢަބްދުﷲ އަޙްމަދު ބަދަވީ އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެ، އެމަނިކުފާނަކީ އާންމު ޚިދުމަތާއި ޤައުމުގެ ކުރިއެރުމަށް ހަޔާތުގެ ބޮޑު ބައެއް ޚާއްޞަކުރެއްވި، ދައުލަތުގެ ޝަރަފުވެރި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރައްވައިފައެވެ.
މީގެ އިތުރުން، މަރުޙޫމް ޢަބްދުﷲ އަޙްމަދު ބަދަވީ ވަނީ މެލޭޝިއާގެ އިޤުތިޞާދީ ތަރައްޤީއަށް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވާފައި ކަމަށް ވިދާޅުވެ ރައީސް ވަނީ، މެދުމިނާއި، ޤައުމީ އެއްބައިވަންތަކަމާއި ހެޔޮ ވެރިކަން ކުރިއެރުވުމަށް މަރުޙޫމް ބަދަވީ ކުރެއްވި މަސައްކަތްތައްވެސް ފާހަގަކުރައްވައިފައެވެ.
އަދި ރައީސް ވަނީ، ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ މެލޭޝިއާގެ ރައްޔިތުންނާ އެކުގައިކަން ހާމަކުރައްވައި، މެލޭޝިއާގެ ސަރުކާރަށާއި ރައްޔިތުންނަށް އަދި ޚާއްޞަކޮށް، ކުރީގެ ބޮޑުވަޒީރު އަލްމަރުޙޫމް ބަދަވީގެ ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވައިފައެވެ.
މި ލިޔުން ކިޔާލުމުން