Monday, November 2
ހުޅުމާލޭގައި ޕާކުކޮށްފައި އޮއްވައި، ވަގަށްނެގި ކާރެއް ހޯދައި އޭގެ ވެރިންނާ ހަވާލުކޮށްފި

ހުޅުމާލޭގައި ޕާކުކޮށްފައި އޮއްވައި ވަގަށްނެގި ކާރެއް ފުލުހުން ހޯދައި، އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.

ފުލުހުން ބުނީ ރޭ 23:50 އެހައިކަންހާއިރު ހުޅުމާލެ ފިތުރޯނު މަގުގައި ކާރެއް ޕާކުކުރުމަށްފަހު، 01:15 އެހައިކަންހާއިރު ކާރަށް އަރަން ދިޔައިރު، ޕާކުކުރި ތަނުގައި ކާރު ނެތްކަމަށް ވެރިފަރާތުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވެއެވެ. އަދި ކާރުތެރޭގައި ތަޅުދަނޑި (ރިމޯޓު) ބޭއްވިފައިވާ ކަމަށްވެސް ވެރިފަރާތުން މަޢުލޫމާތު ދީފައިވެއެވެ.

މި މައްސަލައާ ގުޅިގެން، ފުލުހުން ވަނީ ސީސީޓީވީ ކެމެރާ ފުޓޭޖު ބަލައި، އަންހެނަކާއި ފިރިހެނަކު އެ ކާރަށް އަރައިގެންދާ މަންޒަރު ފެނިފައިވާކަން ފާހަގަކޮށްފައެވެ. މީގެއިތުރުން، ކާރު އޮތް ސަރަހައްދު ދެނެގަނެ ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިއިރު ކާރުގައި އެއްވެސް މީހަކު ނެތްކަން އެނގިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކާރު ފެނުމާ ގުޅިގެން، ވެރިފަރާތް އެ ސަރަހައްދަށް ހާޒިރުކޮށް، ވެރިފަރާތުގެ ހާޒިރުގައި ކާރު ޗެކުކުރެވުނެވެ. މި ޗެކުކުރުމުގައި ކާރަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަން ފާހަގަކުރެވުނު ނަމަވެސް، ކާރުތެރޭގައި ބާއްވާފައި އޮތް ރިމޯޓު ނެތްކަން ވަނީ ފާހަގަކުރެވިފައެވެ.

މި ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް، ފުލުހުން ދަނީ މި މައްސަލައިގެ އިތުރު ތަހުގީގުތައް ކުރިއަށް ގެންދަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު