Saturday, October 31
ދިވެހިން ވާހަކަ ދެއްކުމަކީ ފަޚުރެއްކަމަށް ޤަބޫލުކުރުމަށް ރައީސް އިލްތިމާސް ކުރައްވައިފި

އަމިއްލަ ބަހުގެ އަގާއި ގަދަރު ދަރީންނަށް ވިސްނައިދީ، ދިވެހިބަހުގެ އަދަބިއްޔާތާއި ފަންނުތަކުގެ ތެރެއަށް ވަންނަ ހުނަރުވެރިކުދީން ގިނަކުރުމަށް ބާރުއަޅުއްވައި، ދިވެހިބަހުން ވާހަކަ ދެއްކުމަކީ، އުފަލެއްކަމުގައި އަދި ފަޚުރެއްކަމުގައި އެންމެންވެސް ޤަބޫލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިގޮތަށް އިލްތިމާސްކުރެއްވީ ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

ރައީސް ގެ ޚިޠާބުގައި ދިވެހިރާއްޖޭގެ އަމިއްލަވަންތަކަމާއި މިނިވަންކަމުގެ އެންމެ އަގުހުރި އެއް ރަމްޒަކީ، ދިވެހި ބަސްކަމުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ވާހަކަދައްކައި ލިޔެކިޔާނެ އަމިއްލަ ބަހަކާއި އަމިއްލަ އަކުރުތަކެއް ލިބިފައި އޮތުމަކީ ވަރަށް ބޮޑު ނިޢުމަތެއްކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. މީގެއިތުރުން ދިވެހިބަހުގެ ސަބަބުން ދިވެހީންގެ އެއްބައިވަންތަކަމާއި، މުއްސަނދި ސަގާފަތް ދައްކުވައިދޭކަމަށާއި، ދިވެހީންނަކީ ޒަމާނުއްސުރެ ވަކި އާދަކާދަތަކަކާއި އުޞޫލުތަކެއް ހިފަހައްޓަމުން އަންނަ މުސްތަޤިއްލު ބަޔެއްކަން މުޅި ދުނިޔެއަށް ކަށަވަރުކޮށްދެނީ ދިވެހިބަހުގެ ސަބަބުންކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ދިވެހިބަހަށް ޚިދުމަތްކުރުމަކީ، ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތުކަމުގައި ވިދާޅުވެފައިވެއެވެ. ދިވެހީން، ދިވެހީންގެ ގޮތުގައި އެތައް ހާސް އަހަރަކު ދެމިތިބީ، ދިވެހިބަހުން ބަސްމޮށި އުޅޭތީކަން އެންމެ ހިނދުކޮޅަކަށްވެސް ހަނދާންނައްތާލައިގެން ނުވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. ހަމައެއާއެކު ދިވެހިބަހަށް އިހުމާލުނުވުމަށް އެމަނިކުފާނުގެ ޚިޠާބުގައި ބާރުއަޅުއްވާފައިވެއެވެ.

ރައީސް ގއ ޚިޠާބުގައި، އަންނަން އޮތް ޖީލުތަކަށް ދިވެހިބަސް ފޯރުކޮށްދިނުމަށް، އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމަށް ބާރުއަޅުއްވާފައިވެއެވެ. އަދި ޒަމާނާއެއްގޮތަށް ދިވެހިބަސް ކުރިއެރުވުމަށް މަސައްކަތްކުރުމަށާއި، ދިވެހިބަހުން ވާހަކަދެއްކުމަށް އިސްކަންދޭ ކުދިބަޔަކަށް ހެދޭނީ، ޒަމާނީ ފަންނިއްޔާތާއި މުވާޞަލާތުގެ ތަރައްޤީއާއި ފައިހަމަކުރެވޭނެ ކުރިއެރުން ދިވެހިބަހަށް ހޯދައިދީގެންކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. ހަމައެއާއެކު ދިވެހިބަހާއި، ދިވެހި އަދަބިއްޔާތާއި، ދިވެހި ޅެންވެރިކަމުގެ މުއްސަނދިކަމާއި މޮޅުކަން، އަދުގެޖީލުތަކަށް މޭރުންވާނޭ މަގުން ކިޔައިދީ، އުނގަންނައިދިނުމަށްވެސް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު