Saturday, October 31
މަޑުލު ވަޙީދަކީ ފަހުގެ ތާރީޚުގައި ރާއްޖެ ދުށް ކުޅަދާނަ ލިޔުންތެރިއެއް: ރައީސް
މަޑުލު ވަޙީދަކީ ފަހުގެ ތާރީޚުގައި ރާއްޖެ ދުށް ކުޅަދާނަ ލިޔުންތެރިއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވުމާ ގުޅިގެން އެކްސްގައި ކުރެއްވި ތަޢުޒިޔާގެ ޕޯސްޓެއްގައެވެ. މިގޮތުން ރައީސް ވިދާޅުވީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުޝީރު މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ، މަރުޙޫމް މަޑުލު މުޙައްމަދު ވަޙީދަކީ ދިވެހިބަހުގެ އަދީބެއް ކަމަށާއި، ދިވެހިރާއްޖޭގެ ފަހުގެ ތާރީޚު ދުށް ކުޅަދާނަ ލިޔުންތެރިއެއް އަދި ތަރުޖަމާކުރުންތެރިއެއް ކަމަށެވެ. "އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ޚިދުމަތުގައި ދެމި ހުންނެވި ފަރުވާތެރި ޚިދުމަތްތެރިއެއް"، ރައީސް ވިދާޅުވިއެވެ. ރައީސްގެ ޕޯސްޓުގައި މަޑުލު ވަޙީދު ހާސިލްކުރެއްވި ބައެއް ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން މަޑުލު ވަޙީދަކީ ލިޔުންތެރިކަމަށް ޚިދުމަތްކުރުމުގެ ރޮނގުން 1985ވަނަ އަހަަރު އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމާއި، ކުރުވާހަކަ ލިޔުމުގެ ރޮނގުން 1997ވަނަ އަހަރު އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު އަދި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ބަހުގެ ލިޔުންތެރިކަން ކުރި އެރުވުމުގެ ރޮނގުން 2019ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމު ޙާޞިލުކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މަޑުލު ވަޙީދަށް ދިވެހި ނޫސްވެރިކަމުގެ އަލިމަސް ގަލަން ލިބިވަޑައިގެންފައިވާއިރު، ގިނަ ދަރިވަރުންތަކަކަށް ކިޔަވައިދެއްވާފައިވާކަންވެސް ރައީސްގެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ބައި ގަރުނަށް ވުރެ ދިގު މުއްދަތަކު ޤައުމަށް އެ ކޮށްދެއްވި އަގުހުރި ޚިދުމަތުގެ ޒިކުރާ ފަނޑުވުމެއް ނެތި ދެމިހުންނާނެ ކަމަށެވެ. "މަރުޙޫމް މަޑުލު މުޙައްމަދު ވަޙީދުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މާތްﷲ މިންވަރުކުރައްވާށިއެވެ. ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ! އާމީން"، ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު