މަޖިލިސް މެންބަރުންނަށް ހެލްތު އިންޝުއަރެންސް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އެދިލެއްވުމުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މެންބަރުންގެ ޑިޕެންޑެންޓުންނަށް ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި، މި ޚިދުމަތަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.
މީގެ އިތުރުން އެ އިޢުލާންގައި ބުނެފައިވަނީ މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ މަތިން ކަމަށާއި، މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށެވެ.
މާލީ ވުޒާރާއިން ބުނީ މި ބީލަމުގައި ބައިވެރިވުމަށް 500ރ. ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެ ކަމަށާއި، ފައިސާ ބަލައިގަންނާނީ މިއަދުން ފެށިގެން އެޕްރީލް 27 ވަނަ ދުވަހުގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 14:00އަށް ބަނޑޭރި ޕޭ މެދުވެރިކޮށް ކަމަށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ އީމެއިލް ކުރުމަށްވެސް އެ ވުޒާރާއިން އަންގާފައިވެއެވެ.
އެ ވުޒާރާއިން ބުނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވިކަމުގައި ވިޔަސް ބީލަން ޕޯޓަލް މެދުވެރިކޮށް ބީލަން ހުށަހެޅޭނީ ބީލަން ޕޯޓަލްއަށް ރަޖިސްޓަރީވާ ފަރާތްތަކަށް ކަމަށާއި، މި މަސައްކަތަށް ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚުގެ މަދުވެގެން ތިން ދުވަސް ކުރިން ބީލަން ޕޯޓަލް ރަޖިސްޓަރޭޝަނަށް ފުރިހަމަ ކުރައްވަންވާނެ ކަމަށެވެ. އަދި ބީލަން ޕޯޓަލް ރަޖިސްޓަރޭޝަން ފުރިހަމަ ނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.
މި ޕްރޮޖެކްޓުގެ ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވަނީ އެކަމަށް ޤާއިމް ކޮށްފައިވާ އޮންލައިން ޕޯޓަލް- ބީލަން ޕޯޓަލް ( https://beelan.finance.gov.mv/) މެދުވެރިކޮށް ކަމުގައި ވާތީ، ބީލަންވެރިން އެ ޕޯޓަލް އަށް ރަޖިސްޓަރީ ވުމާ ގުޅިގެން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަމުގެ މަޢުލޫމާތު ޕޯޓަލް މެދުވެރިކޮށް ހޯދުމަކީ ބީލަންވެރިންގެ ޒިންމާއެއް ކަމަށް މާލީ ވުޒާރާއިން ބުނެއެވެ.
މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީ އަކީ 60,500ރ. އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ.
މިޕްރޮޖެކްޓުގެ ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް 30 އެޕްރީލް 2025 ވާ ބުދަ ދުވަހުގެ 10:00:00ގެ ކުރިންނެވެ. އަދި މިޕްރޮޖެކްޓުގެ ބިޑު ހުޅުވުން އޮންނާނީ ހަމަ އެ ދުވަހުގެ 13:00 ގައެވެ. ބީލަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ބިޑު ފިޔަވައި އެހެން އެއްވެސް ބިޑެއް ބަލައެއް ނުގަނެވޭނެ ކަމަށް މާލީ ވުޒާރާއިން ބުންޏެވެ.
މި ލިޔުން ކިޔާލުމުން