ހަތަރު ފުރޮޅުލީ އުޅަނދުތައް ގަރާޖުކުރުމުގެ ހުއްދަ ނެތި ރާއްޖެއަށް އެތެރެ ނުކުރެވޭ ގޮތަށް އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ. މި އިސްލާހާއެކު، ދެ ފުރޮޅުލީ އުޅަނދު ފިޔަވައި އެހެން ހުރިހާ އުޅަނދެއް ރާއްޖެ އެތެރެކުރުމުގެ ކުރިން ދަތުރުފަތުރާ ބެހޭ ވުޒާރާގެ ހުއްދަ ހޯދަންޖެހޭނެއެވެ.
ދަތުރުފަތުރާ ބެހޭ ވުޒާރާއިން މިއަދު އާންމުކުރި އިސްލާހުގައިވާ ގޮތުން، އުޅަނދު އެތެރެކުރުމުގެ ހުއްދައަށް އެދޭއިރު، އެ އުޅަނދު ގުދަންކުރުމަށް ހަމަޖެހިފައިވާ ގަރާޖު، ޝޯރޫމު ނުވަތަ ގުދަނުގެ ހުއްދައިގެ ކޮޕީއެއް ހުށަހަޅަންޖެހޭނެއެވެ. އަދި އެތެރެކުރާ އުޅަނދު ބާއްވާ ތަނަކީ ކަމާބެހޭ އިދާރާއިން ހުއްދަދީފައިވާ ތަނަކަށްވާންޖެހޭނެއެވެ.
މި ގަވާއިދުގެ ދަށުން 250 ކިއުބިކް ސެންޓިމީޓަރު ނުވަތަ އެއަށްވުރެ ދަށުގެ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލު ރާއްޖެ އެތެރެކުރުން މަނާކުރެއެވެ. އަދި އުފެއްދި ތާރީޚުން ފެށިގެން 3 އަހަރު ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލުވެސް ރާއްޖެ އެތެރެކުރުން މަނާކުރެއެވެ.
މި ގަވާއިދަށް ޢަމަލުކުރަން ފަށާފައިވީ ނަމަވެސް، އުޅަނދު ގުދަންކުރުމަށް ހަމަޖެހިފައިވާ ތަނުގެ ހުއްދައިގެ ކޮޕީ ހުށަހެޅުމުގެ ބަޔަށް ޢަމަލުކުރަން ފަށާނީ މިއަދުން ފެށިގެން 90 ދުވަސް ފަހުންނެވެ. މިއީ މާލޭގައި އުޅަނދުތައް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅި އިތުރު ފިޔަވަޅެކެވެ.
ފާއިތުވި އަހަރުގެ ނޮވެންބަރު މަހު ވެސް ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކޮށްދިނުމުގެ ކުރިން އެ އުޅަނދެއް ބޭއްވޭނެ ގަރާޖެއް އޮންނަންޖެހޭ ގޮތަށް ގަވާއިދަށް ބަދަލު ގެނެސްފައިވެއެވެ.
މި ލިޔުން ކިޔާލުމުން