Monday, November 2
18 އަހަރުން މަތީގެ މީހުންނަށް މިހާރުގެ ގަވައިދުން ލައިސަންސް ނެގުމަށް ހުރަހެއް ނެތް: ވަޒީރު

މިއަދު ގެޒެޓްކުރެވުނު ލައިސަންސް ދޫކުރުމާބެހޭ ޤަވާއިދުގެ ދަށުން 18 އަހަރުން މަތީގެ އެއްވެސް އުމުރު ފުރައެއްގެ އެއްވެސް މީހަކަށް ލައިސަންސް ނެގުމަށް ހުރަހެއް ނޯންނާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ގެޒެޓްކުރެވުނު ލައިސަންސް ދޫކުރުމާބެހޭ ޤަވާއިދާ ގުޅޭގޮތުން ހަޤީޤަތާ ޚިލާފު މަޢުލޫމާތު ފެތުރެމުންދާތީ، އެކކަން ސާފުކޮށްދިނުމުގެ ގޮތުންނެވެ.

މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި، މިއަދު ގެޒެޓްކުރެވުނު ލައިސަންސް ދޫކުރުމާބެހޭ ޤަވާއިދުގެ ދެވަނަ އިސްލާހުގެ ދަށުން، މިހާރު ދޫކުރާ ވަގުތީ އަދި ދާއިމީ ލައިސަންސް ނެގުމަށް ކަނޑައަޅާފައިވާ އިމްތިހާންތައް ފުރިހަމަކުރުމަށްފަހު، 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ލައިސަންސް ނެގިދާނެ އެވެ.

"އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޤަވާއިދުގެ ދަށުން ދޫކުރާ ވަގުތީ ލައިސަންސާއި، ދާއިމީ ލައިސަންސް ދޫކުރާނީ މިނިސްޓްރީން ކަނޑައަޅާ އިމްތިޙާންތައް ފުރިހަމަ ކުރުމުންނެވެ،" މިނިސްޓަރު އަމީން ވިދާޅުވި އެވެ.

މީގެ އިތުރުން، މިނިސްޓަރު އަމީން ހާމަކުރެއްވި ގޮތުގައި، އިސް ރައްވެހިންނަށް ޚާއްސަ ލައިސަންސެއް ދޫކުރުމުގެ އިޚްތިޔާރު ރަށު ކައުންސިލްތަކަށް ލިބިގެންދާނެ އެވެ. މި ލައިސަންސް ލިބޭނީ ހަތަރު ގަޑިއިރުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށްފަހު އެވެ. މި ލައިސަންސްގެ ދަށުން 60 ސީސީ އިން ދަށުގެ ސައިކަލާއި ރަށު ޕިކަޕް ދުއްވޭނެ އެވެ. ނަމަވެސް، މި ލައިސަންސް ބޭނުންކުރެވޭނީ ހަމައެކަނި އެ ލައިސަންސް ދޫކުރި ކައުންސިލް ނިސްބަތްވާ ރަށުގައި އެކަނި ކަމަށް މިނިސްޓަރު އަމީން ފާހަގަކުރެއްވި އެވެ.

މި އައު ޤަވާއިދުގެ ސަބަބުން، ޚާއްސަކޮށް އިސް ރައްވެހިންނަށް، އެމީހުންގެ ދަތުރުފަތުރު ފަސޭހަވެ، އުމުރުފުރައިގެ ސަބަބުން ކުރިމަތިވާ ހުރަސްތައް ނައްތާލެވިގެންދާނެ ކަމަށް އުއްމީދު ކުރެވެ އެވެ. މި ބަދަލާއެކު، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު