މިދިޔަ މަހު 20ގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ 8.8 ބިލިއަން ރުފިޔާއަށް އަރައި ދައުލަތުން ހަރަދުކުރި މިންވަރަށް ވުރެ ލިބުނު އާމްދަނީ ގިނަވެ، ބަޖެޓު ސާޕްލަސް ވެއްޖެ އެވެ.
ދައުލަތުގެ މާލީ ވުޒާރާއިން މިއަދު އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާ ގޮތުން، 20 މާޗުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ ޖުމްލައަކީ 8.8 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު އެ މިންވަރު ހުރީ 8.0 ބިލިއަން ރުފިޔާގަ އެވެ.
އާމްދަނީ އިތުރުވެފައިވަނީ މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއިން ނެގޭ މުދަލާއި ހިދުމަތުގެ ޓެކްސްއިންނާއި އެއާޕޯޓް ތަރައްގީކުރުމަށް ނެގޭ ފީ އިންނެވެ.
މި މުއްދަތުގައި ދައުލަތުގެ ޚަރަދުގެ ގޮތުގައި ހިނގާފައިވަނީ 7.6 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ޚަރަދުގެ ގޮތުގައި 8.9 ބިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ. މި އަހަރުގެ ޚަރަދުތަކަށް ބަލާއިރު، އެންމެ ބޮޑު އިތުރުވުމެއް އައިސްފައިވަނީ މުވައްޒަފުންނަށް ހިނގާ ޚަރަދާއި، އާސަންދައާއި ސަބްސިޑީގެ ބައިންނެވެ.
ދައުލަތުގެ ޖުމުލަ ޚަރަދު މިދިޔަ އަހަރާ އަޅައިބަލާއިރު މި މުއްދަތުގައި ކުޑަ ނަމަވެސް، މިއަހަރުގެ ޖުމުލަ ބަޖެޓު ބޮޑުވެފައިވަނީ ޚަރަދުގެ ގޮތުގައި ނުހިމެނޭ ލޯނާއި އިންޓްރެސްޓަށް ކުރާ ހޭދަ ބޮޑުވެފައިވާތީއެވެ. މީގެ ތެރޭގައި މިދިޔަ މާރިޗު މަހު ކާގިލް ފައިނޭންޝަލް ސަރވިސަސް އިންޓަރނޭޝަނަލް އަށް އަނބުރާ ދައްކާފައިވާ 100.0 މިލިއަން ޑޮލަރުގެ ލޯނާއި އިންޓްރެސްޓްވެސް ހިމެނެއެވެ.
ދައުލަތުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، މި މުއްދަތުގެ އޯވަރޯލް ބަޖެޓް ބެލެންސްއަކީ ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާގެ ސާޕްލަސްއެކެވެ. މިދިޔަ އަހަރު އެ މިންވަރު ހުރީ ޑެފިސިޓްގައި، ދައުލަތަށް ލިބުނު އާމްދަނީއަށް ވުރެ ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާ ހަރަދުކުރެވިފަ އެވެ.
މިދިޔަ މަހުގެ 20ގެ ނިޔަލަށް މި އަހަރުގެ ބަޖެޓް ބޭނުންކުރެވިފައިވާ މިންވަރަށް ބަލާއިރު، އެންމެ ގިނައިން ޚަރަދު ހިނގާފައިވާ އިދާރާތަކަކީ:
• މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ: 441.8 މިލިއަން ރުފިޔާ
• މިނިސްޓްރީ އޮފް އެޑިޔުކޭޝަން: 668.6 މިލިއަން ރުފިޔާ
• ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ: 883.8 މިލިއަން ރުފިޔާ
ދައުލަތުގެ އާމްދަނީގެ ކޮމްޕޮޒިޝަނަށް ބަލާއިރު، 79 ޕަސެންޓަކީ ޓެކްސް އާމްދަނީ އެވެ. އެގޮތުން، ޓެކްސްގެ ގޮތުގައި 6.9 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު ޓެކްސްގެ ގޮތުގައި ލިބުނީ 6.6 ބިލިއަން ރުފިޔާ އެވެ. އަދި 20 ޕަސެންޓަކީ ޓެކްސް ނޫން އާމްދަނީ އެވެ. އެގޮތުން، ޓެކްސް ނޫން ގޮތް ގޮތުން މި އަހަރުގެ އެ މުއްދަތުގައި 1.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ އަދަދު ހުރީ 1.3 ބިލިއަން ރުފިޔާގަ އެވެ މީގެ އިތުރުން، 1 ޕަސެންޓަކީ ހިލޭ އެހީ އެވެ. އެގޮތުން، މި އަހަރުގެ މިހާތަނަށް 47.1 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބިފައިވާއިރު، މިދިޔަ އަހަރު އެ އަދަދު ހުރީ 32.3 މިލިއަން ރުފިޔާގަ އެވެ.
މި ލިޔުން ކިޔާލުމުން