ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (ސަޢުދީ ފަންޑު) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ)، ހިޒް އެކްސެލެންސީ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް-މަރްޝަދު ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް މިއަދު މެންދުރުފަހު ވަޑައިގެންފިއެވެ.
2025 އެޕްރީލް މަހުގެ 13 އިން 15 އަށް، ތިން ދުވަހުގެ މުއްދަތަށް، ސަޢުދީ ފަންޑުގެ މަތީފަންތީގެ ވަފުދަކާއެކު ސީ.އީ.އޯ ހިޒް އެކްސެލެންސީ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް-މަރްޝަދު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ސައުދީ ފަންޑުން ދެއްވާ އިތުރު ފައިނޭންސިންގ އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން، ސަޢުދީ ފަންޑުގެ އެހީގައި ކުރިއަށްގެންދާ އެފޯޑަބަލް ހައުސިންގ މަޝްރޫޢު ރަސްމީ ގޮތުން އިނީޝިއޭޓް ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ސަޢޫދީ ފަންޑަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ވަރަށް މުހިންމު ބައިވެރިއެކެވެ. ސަޢުދީ ފަންޑުން ވަނީ ދަތުރުފަތުރާއި، ޞިއްޙަތާއި، ބޯހިޔާވަހިކަމާއި އަދި މަސްވެރިކަން ފަދަ އެކި ދާއިރާތަކަށް 470 މިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ އެހީ މިހާތަނަށް ފޯރުކޮށްދީފައެވެ. ޚާއްޞަކޮށް، 2024 ވަނަ އަހަރުގެ މޭ މަހު، ސަޢުދީ ފަންޑުން ވަނީ މުހިންމު ދެ މަޝްރޫޢުއަކަށް 150 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރު ދޫކޮށްފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށެވެ. މީގެ މަޤްޞަދަކީ ފަތުރުވެރިކަމާއި އިޤްތިޞާދީ ކުރިއެރުން އިތުރުކުރުމެވެ. އަދި 50 މިލިއަން ޑޮލަރު ދޫކޮށްފައިވަނީ ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގެ މަޝްރޫޢުއަށެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތިން ހޮސްޕިޓަލެއް އިމާރާތްކޮށް، ޞިއްޙީ ޚިދުމަތްތައް ފުޅާކުރެވޭނެއެވެ.
ސަޢޫދީ ފަންޑަކީ 1974 ވަނަ އަހަރު ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ. މި ފަންޑު އުފައްދާފައިވަނީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް މާލީ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށެވެ. މި ފަންޑުގެ މަޤްޞަދަކީ ލުއި ލޯނާއި ހިލޭ އެހީގެ ޒަރީޢާއިން ދެމެހެއްޓެނިވި ތަރައްޤީ އަށް މަސައްކަތް ކުރުމެވެ. މި ގޮތުން ސަޢުދީ ފަންޑުން އެހީ ފޯރުކޮށްދިނުމުގައި މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ އަސާސީ ވަސީލަތްތަކާއި، ޞިއްޙަތާއި، ތަޢުލީމާއި، އަދި ހަކަތައިގެ ދާއިރާތަކަށެވެ.
މި ލިޔުން ކިޔާލުމުން