Monday, November 2
މާލީ ދާއިރާގެ ތަޖުރިބާކާރުންގެ ޖީލެއް އުފެއްދުމަކީ ބީއެމްއެލްގެ އަމާޒެއް: ސީއީއޯ ޝަރީފު

ގައުމުގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް އެހީތެރިވުމުގެ ގޮތުން މާލީ ދާއިރާގެ ތަޖުރިބާކާރުންގެ ޖީލެއް އުފެއްދުމަކީ ބީއެމްއެލްގެ މައިގަނޑު އަމާޒެއް ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ބީއެމްއެލްގެ މަސައްކަތްތަކާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާ ގުޅިލާމެހިފައިވާކަމަށް ފާހަގަކުރައްވައި ޝަރީފް ވަނީ، ސަރުކާރުގެ މުހިންމު މަޝްރޫއުތަކުގައި ބީއެމްއެލްއިން އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަ ކުރައްވާފައެވެ.

އިސްލާމީ ބޭންކިންގގެ ޚިދުމަތްތަކާއެކު، މުޅި ގައުމުގައި މާލީ ބާރުވެރިކަން އިތުރުކުރުމަށް ބީއެމްއެލްއިން މަސައްކަތްކުރަމުންދާކަމަށާއި، އެންމެން ޝާމިލުވާ ދެމެހެއްޓެނިވި އިގްތިސާދެއް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ.

ޝަރީފު ވިދާޅުވީ އިސްލާމިކް ޔުނިވަރސިޓީގެ ސަނާބިލް އިމާރާތް ބިނާކުރުމަށް ބީއެމްއެލްއިން ފޯރުކޮށްދޭ އެހީތެރިކަމަކީ އިގްތިސާދީގޮތުން ވަރުގަދަ ގައުމެއްގެ ގޮތުގަައި ދިވެހިރާއްޖެ ބިނާކުރުމަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށެވެ.

ޝަރީފް ވިދާޅުވެފައިވަނީ މާލީ ދާއިރާ ކުރިއަރުވާނެ މަގު ދައްކާނެ ޖީލެއްގެ ބޭންކަރުންނާއި، މާހިރުން އަދި ލީޑަރުން އުފެއްދުމަށް ބީއެމްއެލްއިން އިސްކަންދޭ ކަމަށެވެ. މިގޮތުން މިހާރުވެސް އޮސްޓްރޭލިޔާ އަދި އިނގިރޭސިވިލާތުގައި ބީއެމްއެލްގެ ސްކޮލަޝިޕް ދަށުން ދަރިވަރުން ކިޔަވަމުންދާކަން ފާހަގަކުރައްވާފައިވެއެވެ.

އައިޔޫއެމްގެ ސަނާބިލް މަޝްރޫއުގެ ތެރެއިން ބީއެމްއެލްއިން އިންވެސްޓްކުރަނީ ތައުލީމީ، އަހްލާގީ އަދި އިގްތިޞާދީގޮތުން ވަރުގަދަ ދިވެހިރާއްޖެއެއް ބިނާކުރުމަށް އެހީތެރިވެދޭނެ އިލްމުވެރިންނާއި ލީޑަރުންނާއި ޕްރޮފެޝަނަލުން އުފައްދާނެ މުއައްސަސާއަކަށް ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫއުގައި ބައިވެރިވުމަކީ ބީއެމްއެލްއަށް ލިބޭ ޝަރަފެއްކަމަށާއި މިއީ ހަމައެކަނި މާލީ އެހީއެއްގެ ގޮތުގައި ނުދެކޭކަމަށާއި، މިއީ ގައުމުގެ ކުރިމަގަށް ކުރެވޭ އިންވެސްޓްމަންޓެއްކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު