Monday, November 2
އައިޔޫއެމްގެ ސަނާބިލް ޢިމާރާތްކުރަން ފެށުމުގެ ރަސްމިއްޔާތު، ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސަނާބިލް ޢިމާރާތްކުރަން ފެށުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ބޭއްވި މި ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ސަނާބިލް ބިލްޑިންގ ކޮންސްޓްރަކްޝަން ސައިޓް (ލޮޓް ނަންބަރު 11528) ގައި ބޭއްވުނު މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވަނީ ޢިމާރާތްކުރަން ފެށުމުގެ ގޮތުން ކޮންކްރީޓް އަޅުއްވައިދެއްވާފައެވެ.

އައިޔޫއެމްގެ ސަނާބިލް މަޝްރޫޢަކީ އެ ޔުނިވަރސިޓީއަށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދުމުގެ ގޮތުން ހިންގޭ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ޔުނިވަރސިޓީގެ ބިމެއްގައި 7 ބުރީގެ "މިކްސްޑް-ޔޫޒް ކޮމްޕްލެކްސް" އެއް ބިނާކުރެވޭނެއެވެ. މި އިމާރާތުގައި އޮފީސް ސްޕޭސްތަކާއި، ފުޑް ކޯޓާއި، މީޓިންގ ރޫމްތަކާއި، އޮޑިޓޯރިއަމް އަދި ކޮމާޝަން ޕާކިންގ ޖާގަތައް ހިމެނޭނެއެވެ.

މި މަޝްރޫޢަކީ އިސްލާމިކް ފައިނޭންސްގެ ޞުކޫކް މޮޑެލްގެ ދަށުން ފައިސާ ހޯދައިގެން ޢިމާރާތެއް އެޅުމަށް ރާއްޖޭގައި ހިންގޭ އެންމެ ފުރަތަމަ މަޝްރޫޢެވެ. މި މަޝްރޫޢު ހިންގުމަށް ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓްގައި 1 މަސްދުވަހުގެ މުއްދަތަށް އައި.ޔޫ.އެމްގެ ޞުކޫކު (ޞުކޫކު އިސްތިސްނާޢު) ސަބްކްރިޕްޝަންއަށް ހުޅުވާލީ 11 އޮގަސްޓް 2024 ގައެވެ. މުއްދަތު ހަމަވިއިރު ސަބްސްކްރައިބްކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ބީ.އެމް.އެލް އިސްލާމިކް އިންނެވެ.

މި ޢިމާރާތް ނިންމުމަށް ކަނޑައަޅާފައިވަނީ 18 މަސްދުވަހުގެ މުއްދަތެކެވެ. ސަރުކާރުން މުވައްސަސާތައް ހިންގުން ހަރުދަނާ ކުރެއްވުމަށާއި، ބާރުވެރިކުރުވުމަށް އެމުވައްސަސާއަކަށް ބޭނުންވާ އެންމެ ފުރިހަމަ އެއްބާރުލުން ދެއްވަމުންދާކަން މި މަޝްރޫޢުން ފާހަގަކުރެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު