Tuesday, October 13
ރާއްޖެއިން އައިރީނާއަށް ކަނޑައެޅުއްވި ދާއިމީ މަންދޫބު މަޤާމުގެ ފަތްކޮޅު އަރުވައިފި

11 އެޕްރީލް 2025: ރާއްޖެއިން އައިރީނާއަށް ކަނޑައެޅުއްވި ދާއިމީ މަންދޫބު މަޤާމުގެ ފަތްކޮޅު އަރުވުން - ފޮޓޯ: ޚާރިޖީ ވުޒާރާ

ދިވެހިރާއްޖެއިން އިންޓަރނޭޝަނަލް ރިނިއުވަބަލް އެނަރޖީ އެޖެންސީ (އައިރީނާ) އަށް ކަނޑައެޅުއްވި ދާއިމީ މަންދޫބު، މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ގެ ސަފީރުކަމުގެ ފަތްކޮޅު، އައިރީނާގެ ޑިރެކްޓަރ ޖެނެރަލް، ފްރާންސެސްކޯ ލަ ކަމޭރާ އަށް އަރުވައިފިއެވެ.

މުންދުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވީ މިއަދު އެކަމަށްޓަކައި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) ގެ އަބޫދާބީގައި ހުންނަ އައިރީނާގެ ހެޑްކުއާޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި މުންދު ވަނީ އިއާދަކުރަނިވި ހަކަތައިގެ މަސައްކަތްތައް ކުރިއެރުވުމުގައި އައިރީނާއިން އަދާކުރާ ދައުރަށް ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރައްވައި، އައިރީނާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ ފަންނީ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ދަންނަވައިފައެވެ. މީގެ އިތުރުން މުންދު ވަނީ އައިރީނާއާއެކު އެއްބާރުލުން އިތުރަށް ހަރުދަނާކޮށް، ދިވެހި ސަރުކާރުގެ އިއާދަކުރަނިވި ހަކަތައިގެ ލަނޑުދަނޑިތައް ހާސިލްކުރެއްވުމަށް ބޭނުންފުޅުވާކަން ފާހަގަކުރައްވައިފައެވެ.

މި ރަސްމިއްޔާތުގައި ޑިރެކްޓަރ ޖެނެރަލް ލަ ކަމޭރާ ވަނީ ސަފީރުގެ އައު މަޤާމަށް މަރުޙަބާ ވިދާޅުވެ، އައިރީނާގެ އެއްބާރުލުން ރާއްޖެއަށް ލިބޭނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

މި ބައްދަލުވުމުގައި މުންދުގެ އަރިހުގައި މިނިސްޓަރ ކައުންސެލަރ މުޙައްމަދު ހައިޝަމާއި، ކައުންސެލަރ މޫމިނާ އިބްރާހީމް އަދި އަބޫދާބީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ، ފާޠިމަތު ނިއުޝާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

2009 ވަނަ އަހަރު އުފެދުނު އައިރީނާގައި ޖުމުލަ 169 މެންބަރު ޤައުމެއް ހިމެނެއެވެ. ރާއްޖެއިން އައިރީނާއާ ގުޅުނީ 2009 ވަނަ އަހަރުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު