Monday, November 2
މުޝްފިގު ގެ މައްޗަށް ކަށުނަމާދު ކުރާނީ ޤާޟީ އޭނާ މަރުވެއްޖެ ކަމަށް ކަނޑައެޅުމުން: ވަޒީރު

ކަނޑަށް ވެއްޓި ގެއްލި ހޯދައި ނުފެނިފައިވާ މީހުންނާމެދު ގޮތް ނިންމަންވާނީ ޤާޟީ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. އަދި ގެއްލުނު މީހާ މަރުވެފައިވާ ކަމަށް ޤާޟީ ކަނޑައަޅައިފި ނަމަ އޭނާގެ މައްޗަށް ކަށު ނަމާދު ކުރެވިދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިފަދައިން ވަޒީރު ދެއްވާފައިވަނީ މާލެ ދަތުރުކުރި "ހޮޅުދޫ ބޯޓު"ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުނު މުޝްފިގު ޝަރީފްގެ މައްޗަށް މާދަމާ ޣައިބުގައި ކަށުނަމާދު ކުރަން ނިންމުމާ ގުޅިގެންނެވެ.

ވަޒީރު ޝަހީމް ވިދާޅުވީ މިފަދަ ހާލަތުގައި އެމީހާ ގެއްލުމާއި މަރާމެދު އޮތް މައްސަލަ ހުށަހަޅަން ވާނީ ޤާޟީއަށް ކަމަށެވެ. އަދި ކަން ހިނގައި ދިޔަ ގޮތް ބަލައި އޭނާ މަރުވެއްޖެ ކަމަށް ޤާޟީ ކަނޑައަޅައިފި ނަމަ، އެއިރުން އޭނާގެ މައްޗަށް ކަށު ނަމާދު ކުރުމަކީ ހުއްދަކަމެއް ކަމަށެވެ.

"މިކަމުގައި ޤާޟީގެ ޙުކުމެއް އޮންނަންޖެހޭ ސަބަބަކީ މަރަކީ އޭގެ މައްޗަށް ޝަރުޢީ ވަރަށް ގިނަ ކަންކަން ތަރުތީބުވާ ކަމަކަށް ވުމެވެ،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ޤާޟީ ގޮތް ނިންމާނީ ގެއްލުނު ޙާލަތުގެ މައްޗަށް ނަޒަރު ހިންގައި ހޯދަން ކުރި މަސައްކަތުގެ މައްޗަށް ބަލައި މުޅި މައްސަލައިގެ ހަފަރާތް ބެލުމަށް ފަހުގައި ކަމަށެވެ. އަދި ގެއްލުނު މީހާ މަރުވެފައިވާ ކަމަށް ޤާޟީ ކަނޑައަޅައިފި ނަމަ އޭނާގެ މައްޗަށް ކަށު ނަމާދު ކުރެވިދާނެ ކަމަށާއި، އަދި އޭނާގެ މުދާ ވާރިސުންގެ މެދުގައި ބެހޭނެ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

ނަމަވެސް ވަޒީރު ފާހަގަކުރެއްވި ގޮތުގައި ބައެއް އިލްމުވެރިން ބަޔާންކުރައްވާފައިވަނީ ގެއްލިފައިވާ މީހާ މެދު ޙުކުމެއް ކަނޑައަޅަންވާނީ ގެއްލުނުތާ ހަތަރު އަހަރު ފަހުންނެވެ. އެހެންނަމަވެސް ކަނޑަށް ވެއްޓި ގެެއްލިފައިވާ މީހާ، މަރުވެފައިވާ ކަމަށް ބޮޑަށް ބުރަވެވޭ ނަމަ ހަތަރު އަހަރު ނުވިޔަސް ޤާޟީ އަށް ގޮތެއް ކަނޑައެޅިދާނެ ކަމަށް ވަޒީރު ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު